ވިޔަފާރި

ފަރަށް އަރާ ބޮޑެތި ގެއްލުންތަކެއް ލިބުނު އަސްދާނު ދޯނި މަރާމާތަށްފަހު މަސްވެރިކަމަށް ނިކުމެއްޖެ

މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް މިދިޔަ އޮގަސްޓުމަހުގެ ތެރޭ ފަރަށް އަރާ ބޮޑެތި ގެއްލުންތަކެއް ލިބުނު ތ.ވަންދޫ އަސްދާނު ދޯނި މަރާމާތަށް ފަހު އަލުން އަނބުރާ މަސްވެރިކަމަށް ނިކުމެއްޖެއެވެ.

އަސްދާނު ދޯނި ފަރަށް އަރާ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި ދޯނީގެ އޮޑިވެރިޔާ މުޙައްމަދު ޤިޔާސް ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ވިދާޅުވީ ދޯނި ފަރަށް އެރި ހިސާބު މިހާތަކަށް ދޯނީގެ މަރާމާތަށާއި ދޯނި ފުންކުރުމަށް ކުރަން ޖެހުނު މަސައްކަތްތަކަށް ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ޙަރަދުވި ކަމަށެވެ.

2 މަހާއި 7 ދުވަސް ފަހުން ދޯނީގެ މަރާމާތުގެ މަސައްކަތް ނިމިފައިވާއިރު، މިހާ ކުރު މުއްދަތެއްގެ ތެރޭގައި މަރާމާތުގެ މަސައްކަތައް ނިންމާލެވުނީ ގިނަ ބައެއްގެ މަސައްކަތުންކަން ޤިޔާސް ފާހަގަކުރެއްވިއެވެ.

އަސްދާނު ދޯނި މަރާމާތަށްފަހު އަލުން އަބުރާ މަސްވެރިކަމަށް ނިކުތުމުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުވެސް ވަނީ މަރުޙަބާ ކިޔާފައެވެެ.

26 މީހުންނާއިއެކު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް "އަސްދާން" ދޯނި ފަރަށް އަރާފައިވަނީ ވ.ރަކީދޫ އިރުން 2 ނޯޓިކަލް މޭލު ބޭރަށެވެ. ފަރަށްއެރުމާއި ގުޅިގެން އަސްދާން ދޯނީގެ ބަނޑުފިލާއަށް ގެއްލުންލިބި ދޯނި ދިޔަވިއެވެ. އަދި ދޯނީގެ ގެގަނޑުވެސް ފަޅައިގެން ގޮސް އިންޖީނާއި ޖަނަރޭޓަރަށްވެސް ލޮނު އެޅި، ދޯނީގެ ހިފާގެންގުޅޭ ހުރިހާ ސާމާނެއް އޮޔާ ދިޔަ ކަމަށް އޭރު އެ ދޯނީގެ ފަރާތުން ބުނެފައިވެއެވެ.