ކޯވިޑް-19ގެ ސަބަބުން ސްޕެއިނުގެ ޙާލަތު ގޯސްވެ، އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް އިޢުލާނުކޮށްފިއެވެ. މިއީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ދެވަނަ ފަހަރެވެ.
ސްޕެއިނުގައި މިހާތަނަށް 1،110،372 މީހުންނަށް ކޯވިޑް-19 ޖެހި 34،752 މީހުންވަނީ މަރުވެފައެވެ. ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގައި ފުރަތަމަ ފަހަރަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރީ މިދިޔަ މާރިޗު މަހުގެ ތެރޭގައެވެ.
އެފަހަރު އެ ޤައުމުގައި އެޅި ފިޔަވަޅުތަކާއި އެކު ޒަރޫރީ ބޭނުމެއް ފުއްދުމަށް ނޫންގޮތަކަށް ގެއިން ބޭރަށް ނުކުތުންވަނީ މަނާކޮށްފައެވެ. އަދި ފިހާރަތަކާއި ވިޔަފާރިތައްވަނީ ބަންދުކޮށްފައެވެ. ބަލި ފެތުރޭ މިންވަރު ދަށަށް ދިޔުމުން ކުއްލި ނުރައްކަލުގެ ޙާލަތު އެ ފަހަރު އުވާލީ ޖޫން މަހުގެ ތެރޭގައެވެ.
ނަމަވެސް ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ އަނެއްކާވެސް އިތުރުވާން ފަށައިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ގާތްގަނޑަކަށް 20،000 މީހުންނަށް ބަލިޖެހި 231 މީހުންވަނީ މަރުވެފައެވެ. މިދިޔަ ހަފުތާގައި ސްޕެއިނުގައި ބަލިޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދު އެއް މިލިއަނަށްވުރެ އިތުރުވެ، އެ ޤައުމުވެފައިވަނީ ވިލާތުގެ ޤައުމުތަކުގެ ތެރެއިން ބަލިޖެހުނު މީހުންގެ ޢަދަދު އެ ޢަދަދަށް އިތުރުވި ފުރަތަމަ ޤައުމަށެވެ. ނަމަވެސް އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންގެ ހަޤީޤީ ޢަދަދު ތިން މިލިއަނަށްވުރެ މަތިވެފައިވުމަކީ އެކަށީގެންވާކަމެއްކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްވަނީ ވިދާޅުވެފައެވެ.
ޤައުމާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން ސްޕެއިނުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް ވިދާޅުވީ އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހުން ފެށިގެން ކުއްލި ޙާލަތު އިޢުލާނުކުރައްވާފައިވާކަމަށެވެ. އެ ޙާލަތުގެ ދަށުން ކޭނެރީ އައިލެންޑްސް ފިޔަވައި ސްޕެއިނުގެ ހުރިހާ ސަރަޙައްދެއްގައި ރޭގަނޑު 11އިން ފެށިގެން ފަތިހު 6 ޖަހަންދެން ކާފިއު ހިންގާނެއެވެ.
ބޮޑުވަޒީރު ސަންޗެޒް ވިދާޅުވީ ސަރަޙައްދީ ސަރުކާރުތަކުގެ އިސްވެރިންނަށް އެ ސަރަޙައްދެއްގައި ހިންގާ ކާފިއުގެ ވަގުތު އިތުރުކުރުމުގެ ބާރު ލިބިގެންވާކަމަށާއި ސަރަޙައްދީ ރޮނގުތައް ބަންދުކުރުމުގެ ބާރުވެސް ލިބިގެންވާކަމަށެވެ. އޭގެ އިތުރުން އެއް ގޭބިސީއެއްގައި ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުން ބައްދަލުކުރާއިރު އެންމެ ގިނަ ވެގެން އެއްފަހަރާ ބައްދަލުކުރެވޭ މީހުންގެ ޢަދަދު ހައަކަށް މަދުކުރުމުގެ އިޚްތިޔާރުވެސް ސަރަޙައްދީ ސަރުކާރަށް ލިބިގެންވާކަމަށް އޭނާ ވިދާޅުވިއެވެ.
ސަންޗޭޒް ވިދާޅުވީ ސްޕެއިން ހިމެނޭގޮތަށް ވިލާތުގެ ޤައުމުތަކުން މިހާރު ކުރިމަތިލަމުންދަނީ ކޯވިޑް-19ގެ ދެވަނަ ރާޅެއްކަމަށެވެ. އަދި ބަލިފެތުރޭ މިންވަރު ދަށްކުރުމަށް މިހާރު އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ހަ މަސް ދުވަހުގެ މުއްދަތަށް ދެމެހެއްޓުމަށް ބޭނުންފުޅުވާކަމަށާއި އެކަމުގެ ޙުއްދައަށް ޤާނޫނު ހަދާ މަޖިލީހުގައި އެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.