ކުޅިވަރު

އަހަރެން ވަރަށް ގަޔާވޭ މިކަހަލަ މެޗުތައް : ކުލޮޕް


އިނގިރޭސި ލީގުގައި ޝެފީލްޑް ޔުނއިޓެޑާ ވާދަކޮށް ލިވަޕޫލް މޮޅުވި މެޗުތަކަކީ އޭނާ ވަރަށް ގަޔާވާ މެޗުތަކެއް ކަމަށް ލިވަޕޫލް ކޯޗު ޔާގެން ކުލޮޕް ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކުލޮޕް ބުނީ ބުރަކޮށް މަސައްކަތްކޮށް ނަތިޖާއެއް ހޯދުމަށް ދަނޑުމަތީގަ މޮޅަށް ކުޅޭ ކަމަށް ވަނީނަމަ އޭނާ ވަރަށް ގަޔާވާނެކަމަށެވެ. އޭނާ ބުނީ ފަސޭހައިން ހޯދާ މޮޅަށްވުރެ މަސައްކަތުން އުނދަގުލުން ހޯދާމޮޅެއްގެ ހިތްހަމަޖެހުން މާބޮޑުކަމަށެވެ.

ހުސްވި ސީޒަނުގައި ލިވަޕޫލަށް ލީގު ހޯދައިދިން ކޯޗު ބުނީ މިހާތަނަށް ޝެފީލްޑްއާ ކުޅޭއިރު އަބަދުވެސް ބުރަކޮށް މަސައްކަތްކުރަންޖެހޭ ކަމަށާއި ބުރަމަސައްކަތުން ނޫނީ އެޓީމު އަތުން މޮޅެއް ނުލިބޭކަމަށެވެ. އޭނާ އެންމެ ބޮޑަށް ފާހަގަކުރާ ކަމަކީ ޝެޕީލްޑުން ވަރުބަލި ކަމެއް ނެތި ހުއްޓާނުލާ ކުރާ އާދަޔާ ހިލާފް މަސައްކަތް ކަމަށް ލިވަޕޫލް ކޯޗު ބުންޏެވެ.

ކުލޮޕް ބުނީ ޝެފީލްޑް ކޯޗު ޗިރިސް އަދާކުރަނީ އާދަޔާ ހިލާފް ޒިންމާއެއް ކަމަށާއި އެޓީމުދަނީ ދުވަހަކަށް ވުރެ ދުވަހެއް ކުރިއަށްކަމަށެވެ. މިމެޗުން ހޯދި މޮޅާއެކު ލިވަޕޫލް ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ.