ކުޅިވަރު

މި ސީޒަންގަ ފުރަތަމަފަހަރަށް އެވަޓަން ބަލިވެއްޖެ



މި ސީޒަނުގެ ފުރަތަމަފަހަރަށް އެވަޓަން ބަލިވެއްޖެއެވެ.

އިނގިރޭސި ލީގުގައި އެވަޓަން ބަލިވީ ސައުތުހެމްޓަނާ ވާދަކޮށް 2-0 ލަނޑުންނެވެ. ރަށުން ބޭރުގައި ކުޅުނު މެޗުގައި އެވަންޓަން ފެށީ އަނިޔާގެ ސަބަބުން މިމެޗުގައި ނުކުޅެވޭނެކަމަށް ބުނި ހަމޭސް ރޮޑްރިގޭޒް ވެސް ފުރަތަމަ އެގާރައިގަ ހިމަނައިގެންނެވެ.

މެޗުގެ ފުރަތަމަހާފްގެ 19 ވަނަ މިނިޓްގައި ސިގާޑްސަން ފޮނުވާލި ހަމަލާއެއް ވަނީ ސޮއުތުހެމްޓަން ގޯލުގެ ހުރަސްދަނޑިއަށް ވެސް އަމާޒުވެފައެވެ. އަނިޔާގެ ސަބަބުން އެވަޓަންގެ ކެޕްޓަން ސީމަސް ކޯލަމަން ނުލައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ސައުތުހެމްޓަނުން ކާމިޔާބުކުރީ ފުރަތަމަ ހާފްގެ 27 ވަނަ މިނިޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޭމްސް ވާޑްއެވެ. ސައުތުހެމްޓަންގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނީ އިންގްސް ދިން ބޯޅައަކުން ޗޭ އެޑަމްސްއެވެ.

މެޗުގެ ދެވަނަހާފްގައި ލޫކަސް ޑީންއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާފައެވެ. މިއީ ވިދިވިދިގެން އެވަޓަން ކުޅުންތެރިޔަކަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލި ދެވަނަ މެޗެވެ. މިދިޔަހަފްތާގައި ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އެވަޓަންގެ ރިކާލްސަންއަށް ވަނީ ރަތްކާޑު ދައްކާފައެވެ. ސައުތުހެމްޓަން ލީގުގައި ފުރަތަމަ ދެމެޗުން ބަލިވި ނަމަވެސް އެންމެފަހުން ކުޅުނު ހަތަރު މެޗުން ވެސް އެޓީމު ބަލިވެފައެއްނުވެއެވެ.

މިމެޗުން ބަލިވި ނަމަވެސް ދެވަނާއިގަވާ ލިވަޕޫލްއަށް ވުރެ އެއްޕޮއިންޓް އިތުރަށް ހޯދައިގެން އެވަޓަން އޮތީ 13 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ސައުތުހޭމްޓަން ވަނީ މި މޮޅާއެކު ލީގުގެ ފަސްވަނައަށް ކުރިޔަށްޖެހިލާފައެވެ.