ޚަބަރު

މިއަދުކުރި މުޒާހަރާއިން ހައްޔަރުކުރި 5 މީހުން ދޫކޮށްލައިފި


ޖިންސީ ގޯނާ އާއި ދެކޮޅަށް އަޑުއުފުލުމަށް މިއަދު މާލޭގައިކުރި މުޒާހަރާ، އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވުމުން އެކަން ހުއްޓުވުމުގެތެރޭގައި ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ 5 މީހުން ދޫކޮށްލައިފިއެވެ.

ފުލުހުންވިދާޅުވީ އެއެންމެން ވެސް ދޫކޮށްލީ ނަޞޭޙަތްދިނުމަށްފަހުކަމަށެވެ. އަދި އެމީހުންނާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އެއްވުން ކުރިއަށް ގެންދިޔަ މީހުންނަށް ފުލުހުން ނަސޭޙަތްތެރިވުމުންވެސް ހުއްޓާ ނުލާ އެއްވުން ކުރިއަށްގެންދިއުމާ ގުޅިގެން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައިގައި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ. މީގެތެރޭގައި ހިމެނެނީ ދިވެހި 2 ފިރިހެނުންނާއި ދިވެހި 3 އަންހެނުންނެވެ.

ކޯވިޑް-19އާއި ގުޅިގެން ބަލި ކޮންޓްރޯލްކުރުމަށް ބަލީގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ސަރަޙައްދެއްގައި 5 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުމަކީ މަނާކަމެކެވެ.

މިދުވަސްވަރު މާލޭގެ ސަރަޙައްދުތަކަށް އެއްނުވުމަށް އެޗްޕީއޭއިން އަންނަނީ އިލްތިމާސްކުރައްވަމުންނެވެ. އެގޮތުން ޕާޓީ ބޭއްވުމާއި އެކި އިވެންޓުތައް ބޭއްވުމުގައިވެސް ރައްކާތެރިކަން އިސްކުރުމަށް އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. ސަބަބަކީ އެއްވުމުގެ ސަބަބުން ބަލީގެ ނުރައްކާ އިތުރަށް ބޮޑުވެ ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާނެތީކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މާލޭގައި އޮތް ކޮމިއުނިޓީ ސްޕްރެޑް ކުޑަކޮށް ބަލި ކޮންޓްރޯލްކުރުމަށް ވަކި ގަޑިތަކުގައި ބޭރަށް ނިކުމެ އުޅުން މަނާކޮށްފައި އޮތުމަށްފަހު މިހާރު އަންނަނީ މަޑުމަޑުން ފިޔަވަޅުތަކަށް ލުއިދެމުންނެވެ. މިއާއެކުވެސް ކޮންމެހެން އުޅެން ނުޖެހޭނަމަ ބޭރުތެރޭގައި ނޫޅުމަށް އަންނަނީ އިލްތިމާސްކުރަމުންނެވެ.