ޚަބަރު

ޒިޔާދާގެ ކުރީގެ ފިރިމީހާ ޝާހް ނިޔާވެއްޖެ


އަނބިމީހާ ޖިންސީ އަނިޔާކުރިކަމުގެ ކުށުގެ ދަޢުވާ ސާބިތުވެ ޖަލަށްލުމަށް ހައިކޯޓުން ހުކުމްކޮށްފައިވާ ގދ.ތިނަދޫ ޖަވާހިރުމާގޭ ދެކުނުބައި އިބްރާހީމް ޝާހު ނިޔާވެއްޖެއެވެ.

ޝާހް ނިޔާވެފައިވަނީ އޭނާ މަހަށް ގޮސް ހުއްޓައެވެ. އޭނާގެ މަހަސްގޮސް އުޅެނިކޮށް އޭނާގެ ގައިގާ މަހަކުންޖެހި ތަދުވާތީ އުޅުނުކަމަށް މަޢުލޫމާތުލިބެއެވެ. އަދި އޭގެފަހުން ދޯނީގައި ހުރި ޖޯއްޔެއްގައި އޭނާ އޮތީ އޮށޯވެގެންކަމަށާ، ޚަބަރެއް ނުވެގެން ގޮސް ގޮވިއިރު އޮތީ ނިޔާވެފައިކަމަށް އޭނާއާއެކު މަހަށްދިޔަ މީހުންނާ ޙަވާދީ ބައެއް ފަރާތްތަކުން މަޢުލޫމާތުދެއެވެ.

ޝާހުގެ ހަށިގަނޑު ގެންދިޔަ ގއ.ވިލިނގިލީ ހޮސްޕިޓަލުން ވިދާޅުވީ އޭނާ އެހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައިމަމަށެވެ. އަދި ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ހާނީއްކައެއް ފާހަގަކުރެވިފައި ނުވާކަމަށާ، ނިޔާވިކަމަށް ބެލެވެނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށްވެސް ވިލިނގިލީ ހޮސްޕިޓަލުން ވިދާޅުވެއެވެ. އެހޮސްޕިޓަލަށް އޭނާގެ ހަށިގަނޑު ގެންދިޔައީ މިރޭ 9:15 އެހައިކަންހާއިރުއެވެ.

2015ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ޝާހު އޭނާގެ ކުރީގެ އަނބިމީހާ ޒިޔާދާ ނަޢީމް މަރުވި މައްސަލާގައި އޭނާގެމައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. އެއީ ޝާހު އޭނާގެ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާއާއި މީހަކު މަރުވެދިއުމުގައި އިިހުމާލުވުމުގެ އަމަލެއް ކުރުމުގެ ދައުވާއާއި މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާއެވެ. މީގެއިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާވެސް އޭނާގެމައްޗަށް އުފުލާފައިވެއެވެ.

މިއިން އެއްވެސް ދަޢުވާއެއް ޝާހުގެމައްޗަށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. އެއާއެކު ދައުލަތުން މިމައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުންވަނީ ޝާހު އަނބިމީހާ ރޭޕްކުރުމުގެ ދައުވާ އޭނާގެމައްޗަށް ސާބިތުވާ ކަމަށް މިމަހުގެ ފުރަތަމަދުވަހު ޙުކުމްކޮށްފައެވެ. އެއާއެކު ޝާހު 3 އަހަރަށް ޖަލަށްލުމަށް ހައިކޯޓުން ޙުކުމްކުރިއެވެ. އެހެންނަމަވެސް އޭރު ޝާހުވަނީ ޖަލުގައި ޝަރުޢީ މަރުޙަލާގައި 3 އަހަރު ހޭދަކޮށްފައެވެ.

ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތުދޭގޮތުގައި ޝާހުގެ ހުކުމުގެ މުއްދަތުން ވަނީ އޭގެކުރިން އޭނާ ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިހުރި މުއްދަތު އުނިކޮށްފައެވެ. އެހެންކަމުން ޝާހުގެ ހުކުމްގެ މުއްދަތު ވަނީ ފުރިހަމެ އޭނާ މިނިވަންވެފައެވެ.