ޚަބަރު

ގަވާއިދާ ޚިލާފަށް މަގުމަތީގައި ހުރި މުދަލާއި ހަލާކުވެފައި ހުރި ޕެލެޓު ނަގަން ފަށަނީ


މަގުމަތި ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް މަގުމަތީގައި ހުރި މުދަލާއި ޕެލެޓު ފަދަ ތަކެތި ނެގުމުގެ މަސައްކަތް ފެށުމަށް މާލެ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ގަވާއިދާ ޚިލާފަށް ބަހައްޓާފައި ހުންނަ މުދަލާއި މަގުމަތި ބޭނުންކުރާ ފަރާތްތަކަށް ގެއްލުންވާގޮތަށާއި ދަތިވާގޮތަށް ބަހައްޓާފައި ހުންނަ ޕެލެޓުތައް ނެގުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފަށްޓަވާނެކަމަށެވެ. އެގޮތުން ގަވާއިދާ ޚިލާފަށް މަގުމަތީގައި ހުރި އެފަރާތެއްގެ މުދާ މިހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް ނެގުމަށް ކައުންސިލުންވަނީ މުއްދަތު ދެއްވާފައެވެ. އޭގެ ފަހުން އެކައުންސިލުން މަގުތަކުގައި ގަވާއިދާ ޚިލާފަށް ހުރި ތަކެތި ނެގުމުގެ މަސައްކަތް ކުރައްވާނެކަމަށާއި އެގޮތަށް ކުރާއިރު މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ ނުނަގާނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

އެކައުންސިލުން ވިދާޅުވީ މަގުމަތީގައި ހިނގާ މީހުންނަށާއި ދުއްވާ ތަކެތި ޕާކުކުރުމަށް ދަތިވާގޮތަށް މަގުމަތީގައި އެކިބާވަތުގެ މުދަލާއި ޕެލެޓުތައް ގިނަވަމުންދާކަން ސިޓީ ކައުސިލަށް ފާހަގަވެފައިވާކަމަށެވެ. އަދި މިގޮތަށް ބަހައްޓާފައިވާ ޕެލެޓުތަކަކީ ގިނަ ދުވަސްވެ ހަލާކުވެފައިވާ ޕެލެޓުތައްކަމަށެވެ. އެހެންކަމުން މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ މިބާވަތުގެ ދުވަސްވީ ޕެލެޓު ނެގުމުގެ މަސައްކަތް އެކައުންސިލް އަބަދުވެސްކުރާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މީގެ އިތުރުން ދުއްވާ ތަކެތި ޕާކުކުރުމަށް ހުއްދަ އޮންނަ ސަރަޙައްދުތަކުގައި ޕެލެޓު ބެހެއްޓުމުގެ ސަބަބުން ޕާކުކުރާނެ ޖާގަ މަގުމަތީގައި ނުލިބޭ ކަމުގެ ޝަކުވާ އިތުރުވެފައިވާކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މަގުމަތީގައި ކޮންސްޓްރަކްޝަން މަސައްކަތްކުރުމަށް ބޭނުންވާ އެކި ސާމާނު ބެހެއްޓުމުގެ ހުއްދަ އެކައުންސިލުން ވަކި މުއްދަތަކަށް ދޭކަމަށެވެ. އެހެންނަމަވެސް ސިޓީ ކައުންސިލުން ހުއްދަ ނުނަގާ މަގުމަތީގައި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ގިނަ ޢަދަދެއްގެ ސާމާނު ބަހައްޓަމުންދާކަންވެސް ކައުންސިލަށް ފާހަގަވެފައިވާކަމަށް އެކައުންސިލުން ވިދާޅުވެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ގަރާޖާއި ގުދަނުގެ ގޮތުގައި ބޭނުންކުރާ ޢިމާރާތްތަކުގެ ކުރިމަތީގައި ޕާކުނުކުރެވޭ ގޮތަށް ސިޓީ ކައުންސިލުން ހުއްދަ ނަގާފައިވާނަމަ އެތަނެއްގައި ޕާކުނުކުރެވޭނެ ގޮތް ސިޓީ ކައުންސިލުން ހަދައިދޭނެކަމަށެވެ. އެގޮތުން ސިޓީ ކައުންސިލުން އެތަނެއްގައި ޑަބަލް ލައިން ދަމައިދޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ. އެއްގަމުގައި ދުއްވުމުގެ ގަވާއިދުގައި މިފަދަ ތަނެއްގައި ދުއްވާތަކެތި ޕާކުކުރުމަކީ ސްޓިކާ ޖަހާ ޖޫރިމަނާކުރެވޭނެ ކުށެކެވެ. އެހެންނަމަވެސް މިގޮތަށް ގިނަ ފަރާތްތަކަށް ޢަމަލުނުކުރެވެނީ ޢިމާރާތުގެ ހުއްދަ ނަގަނީ ގަރާޖު ނުވަތަ މުދާ ގުދަން ކުރަންނަމަވެސް އެކަމަށް ނަގަންޖެހޭ ހުއްދަ ނުނަގާތީކަމަށް ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން މާލޭގެ ބައެއް ޢިމާރާތްތަކުން ކުއްޔަށް ކޮޓަރި ނަގައިގެން ގުދަންކުރާކަންވެސް ފާހަގަކުރެވޭކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އެހެންކަމުން ޕެލެޓު ބަހައްޓައިގެން ގުދަނުގެ ކުރިމަތީގައި އެއްޗެތި ޕާކުނުކުރެވޭ ގޮތްހަދާކަމަށް ކައުންސިލަށް ފާހަގަވެފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލޭގެ މަގުތަކަކީ މަގުތައް ބޭނުންކުރާ ފަރާތްތަކަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތްކުރެއެވެ. މިދިޔަ އަހަރުވެސް އެކައުންސިލުންވަނީ މިފަދަ ޕްރޮގްރާމެއް ފަށާ މަގުމަތީގައި ހުރި ދުވަސްވީ ޕެލެޓާއި ގަވާއިދާ ޚިލާފަށް ޕާކުނުރެވޭނެ ގޮތަށް ރާނާފައިހުރި އެތަކެއްތަނެއް ނަގާ މަގުތައް ސާފުކޮށްފައެވެ.