ކުޅިވަރު

ޝަވީދުއަށް ތާޢީދު ނުކުރީ ނިއުރޭޑިއެންޓާ މަހިބަދޫ


އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރުމަށް މުޙައްމަދު ޝަވީދުގެ
ކެންޑިޑެސީ ފޮނުވިއިރު ފުރަތަމަ ޑިވިޝަންގެ ހަ ކްލަބަކުން ތާއީދުކޮށްފައިވާ ކަމަށް
އެފްއޭއެމްއިން ބުނެފި. އެފްއޭއެމް ރައީސް ކަމަށް ވާދަކުރަން ފޮނުވާ ލިސްޓަށް ފުރަތަމަ
ޑިވިޝަންގެ 8 ކްލަބްގެ ތެރެއިން 3 ކްލަބަކުން ތާޢީދު ކުރަން ޖެހޭއިރު،
ފުރަތަމަ ޑިވިޝަންގެ 6 ކްލަބަކުން ތާޢީދުކޮށްފައިވާ ކަމަށާއި، ތާޢީދު ނުކުރަނީ
ނިއުރޭޑިއެންޓާ މަހިބަދޫއިން ކަމަށްވެސް އެފްއޭއެމްއިން ބުންޏެވެ. އެފްއޭއެމް
ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރ އަލީ އުމަރު ބުނީ ނިއުރޭޑިއެންޓާ މަހިބަދޫއިން
ލިސްޓާއެކު ސިޓީ ނުފޮނުވި ނަމަވެސް އެދެކްލަބްގެ ސަޕޯޓް ލިބޭނެކަމުގެ ޔަޤީންކަން
އޮތްކަމަށެވެ. ޝަވީދުގެ ކެންޑިޑެސީ އިލެކްޓޯރަލް ކޮމިޓީއިން ފާސް ކުރަން ޖެހެނީ
ދެހަފްތާގެ ތެރޭގައެވެ. އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް
ވިދާޅުވީ އަންނަ ހަފްތާގައި އިލެކްޓޯރަލް ކޮމިޓީގެ ޖަވާބެއް ލިބޭނެ ކަމަށާއި،
އަންނަ މަހު ބާވީސް ވަނަ ދުވަހު ބާއްވާ އިންތިހާބާއެކު ކޮންގްރެސް ބޭއްވުމަށް
މަސައްކަތްކަތް ކުރަމުންދާ ކަމަށެވެ. އަދި ވޯޓް ލުމުގެ ހައްޤު ލިބިފައވާ 44 ފަރާތުގެ ތެރެއިން އެދުވަހު 35 ފަރާތަކަށް ވޯޓް ލުމުގެ ހައްޤު
ލިބޭނެ ކަމަށާއި، ބާކީ ނުވަ ވޯޓަކީ އަލަށް އުފައްދަން ޖެހޭ އެސޯސިއޭޝަންތަކުން
ލާން ޖެހޭ ވޯޓް ކަމަށެވެ. އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާފައިވަނީ
ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު އެކަންޏެވެ. އެހެން ކަމުން އަންނަ
މަހު ބާވީސް ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ދާނީ ފެންނަ ނުފެންނަ ވޯޓަކަށް
ކަމަށް އެފްއޭއެމްއިން ބުނެއެވެ.