ވިޔަފާރި

އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ދުވާލަކަށް 1250 ފަތުރުވެރިން ރާއްޖެއަށް ގެނައުމަކީ އަމާޒެއް- މިނިސްޓަރ މައުސޫމް


އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 1250 ފަތުރުވެރިން ރާއްޖެއަށް ގެނައުމަކީ އަމާޒެއް ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަރވިއުއެއްގައި ޓޫރިޒަމް މިނިސްޓަރ މައުސޫމް ވިދާޅުވީ މިއަހަަރު ނިމޭއިރު 5 ލައްކަ ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި އަމާޒު ހާސިލްކުރެވޭނީ އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ދުވާލަކަށް 1250 ފަތުރުވެރިން ރާއްޖެއަށް އައިސްގެން ކަމަށެވެ. އަދި މިހާރު ރާއްޖެއަށް ދަތުރުކުރަމުދާ އެއަރލައިންތަކާއި ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ އެއަރލައިންތަކާއި އެކު މި އަމާޒް ހާސިލްވާނެ ކަމުގެ އުއްމީދު އޮބައޮތްކަމަށް މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.

" ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެއަށް ދަތުރުތައް ފަށާ އެއަރލައިންތައް ދަނީ އިތުރުވަމުން، މިހާރު މޯލްޑިވިއަން އާއި އެކު 12 އެއަރލައިންއަކުން ރާއްޖެއަށް ދަތުރުތައް ކުރަމުންދަނީ، އަންނަ މަސް ނިމެންވާއިރަށް މަދުވެގެން 18 އެއަރލައިންއަކުން ރާއްޖެއަށް ދަތުރުކުރާނެ ކަމަށް އުއްމީދު ކުރެވޭ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގޮންޖެހުންތަކާއި އެކުވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާ ދުވެއްޔާއި މެދު ހިތްހަމަޖެހޭ ކަމަށެވެ. ޖުލައިމަހު ސުމަކުން ރާއްޖެ ފަށައިގެން އައިސް މިމަހުގެ 24ވަނަ ދުވަހާއި ހަމައަށް 34،000 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފަތުރުވެރިންގެ ސިނާއަތުގައި މަސައްކަތްކުރަމުންދާ ފަރާތްތަކުން ވަމުންދަނީ ބޮޑު ގުރުބާނީއެއް ކަމަށާއި، އެފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

" ފުދޭވަރެއްގެ ބޮޑު ގޮންޖެހުންތަކެއް އެބަހުރި، ރާއްޖޭގެ ފަތުރުވެރިކަމުގެ 55% އެނދު މިހާރު އޮޕަރޭޝަނަށް ގެނެވިއްޖެ، އެހެން ނަމަވެސް އެތަންތަނުގެ އޮކިއުޕެންސީ 45 ފަސަންޓަށް އަރައިގެން ނޫނީ ފައިދާގަ އެތަންތަން ނުހިނގާނެ،" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 600 އަށްވުރެ މަތީގައެވެ. އަދި ރާއްޖެއަށް އިތުރު އެއަރލައިންތަކަކުން ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާއިރު، ކުރިއަށް އޮތްތާގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ލަފާކުރެއެވެ.

ރާއްޖެއަށް ދަތުރުތައް ފެށުމަށް ޝެޑިއުލްކޮށްފައި އެއަރލައިންތަކުގެ ތެރޭގައި، ނޯޑްވިންޑް، އަޒުރު އެއަރ ރަޝިއާ، ގޯއެއަރ، ޗައިނާ ސަދަން އެއަރލައިން، ފްލައި ދުބާއީ، ގަލްފް އެއަރ، ލުފްތަންސާ އަދި އޮސްޓްރިއަން އެއަރލައިން ހިމެނެއެވެ.

ރާއްޖެއަށް ދަތުރުތައް ފަށާފައިވާ ގިނަ އެއަރލައިންތަކަކުންވެސް ޑިމާންޑްއަށް ބެލުމަށްފަހު މިހާރު އަންނަނީ ފްލައިޓްތަކުގެ އަދަދު އިތުރުވެސްކުރަމުންނެވެ. އެގޮތުން މިމަހުގެ ތެރޭގައި އޭރޯފްލޮޓް އަދި އެމިރޭޓްސްއިންވެސް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރާނެކަން ވަނީ އިއުލާންކޮށްފައެވެ.