ޚަބަރު

މަކަރާއި ޙީލަތުން ފައިސާ ހޯދަމުންދިޔަ މީހެއްގެ ޝިކާރައަކަށް އިތުރު ބަޔަކު ވެފައިވޭތޯ ބަލަނީ


ސައްޙަނޫން އެއްބަސްވުންތަކެއް ހަދައިގެން ގިނަ ޢަދަދެއްގެ ބަޔަކަށް އެޕާޓްމަންޓް ކުއްޔަށްދީ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަމުންދިޔަކަމަށް ތުހުމަތުކުރެވޭތީ އެކަމުގެ ޝިކާރައަކަށް އެއްވެސް ބަޔަކު ވޭތޯ ބެލުމަށް ފުލުހުން އާންމުގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ ޅ. ހިންނަވަރު، ޢަންބަރީގެ، އިބްރާހީމް ނަޒީދު (37އ) ގެ ފުށުން އެފަދަ އަމަލެއްގެ ޝިކާރައަކަށްވެފައިވާ އިތުރު ފަރާތެއްވާނަމަ، އެ މައްސަލައެއްގެ މަޢުލޫމާތު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާ ކުރެއްވުން އެދޭކަމަށެވެ.

ތަފާތު ގޮތްގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކަކީ މިހާރަކަށް އައިސް މުޖުތަމަޢުގައި އިތުރު ވަމުންދާ މައްސަލަތަކަކަށްވާތީ، ފައިސާއާއި އަގުބޮޑޫތަކެތި ހިމެނޭ މުއާމަލާތްތައް ކުރާއިރު އެކުރެވޭ މުއާމަލާތަކީ ސައްހަ މުއާމަލާތެއްތޯ ކަށަވަރުކުރުމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރާކަމަށެވެ.

އަދި ސައްހަނޫން މުއާމަލާތެއް ހިންގުމަށް މަސައްކަތްކުރާކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކޮށް އެ މުއާމަލާތެއްގެ މައުލޫމާތު ފުލުހުންނަށް އަންގުމަށް ވަނީ ދަންނަވާފައެވެ.