ކުޅިވަރު

ފުރުސަތު ގެއްލުމަށްވުރެ 2023ވަނަ އަހަރު އައިއޯއައިޖީ ބޭއްވުން މާ ރަގަނޅުވާނެ: ބީޗް ރެފްރީ ހުސެއިން


2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިއޯއައިޖީ ލަސްކޮށްގެން ރާއްޖެއަށް ފުރުސަތު ގެއްލުމަށްވުރެށް، ކޮންމެސް އެހެން ގޮތެއް ހޯދައިގެން ނަމަވެސް 2023ވަނަ އަހަރު ގޭމްސް ރައްޖޭގައި ބޭއްވުން ވަރަށް މުހިންމުކަމަށް ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސެއިން މުހައްމަދު ބުނެފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި ބެހޭގޮތުން ގޮތެއް ނިންމުމަށް ޔޫތް މިނިސްޓްރީން މިހާރުވަނީ އެކަން ކެބިނެޓްއަށް ހުށައަޅާފައެވެ. ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްވަނީ އެކިފަހަރުމަތީން މިއީ ގޭމްސް ބޭއްވުމަށް އެންމެ ރަގަނޅު ހާލަތު ނޫންކަމަށް ބުނެފައެވެ. ގޭމްސް ލަސްކުރުމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޙުސައިން ބުނީ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަކީ ވަރަށް ތާރީހީ ކަމެއްކަމަށާއި މިއީ ރާއްޖޭގެ ކުޅިވަރަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. މިއީ މިއަދު އަޅުގަނޑުމެން ކަނޑަތު ކުރަން ޖެހިފައިވާ މައިލްސްޓޯނެކެވެ.

"ސަރަހައްދީ މެޑެލްތައް އެބަހޯދޭ، ގިނަ ކުޅިވަރުތަކުގައި އެބަ ވަރަށް ރަނގަޅަށް ވާދަ ކުރޭ. ދެން އިތުރު މެޑަލްތައް ހޯދުމަށް ހޯސްޓް ކުރަން އެބެޖެހޭ. ހޯސްޓީން އެޑްވާންޓޭޖަކީ ހަގީގަތެއް."

ކޯވިޑް-19 އާއި ގުޅިގެން ހުރިހާ ގައުމަކަށްވެސް އޭގެ އަސަރުކޮށްފައިވާއިރު، ރާއްޖެއިން 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ގޭމްސް ލަސްކުރުމަށް ކޯޖީގެ ކައުންސިލުން ބައްދަލުވުމުގައިވެސް މިނިސްޓަރ މަހުލޫފް ވަނީ އެދިފައެވެ. މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ކަމުގައި ހުންނެވި ހުސެއިން މުހައްމަދު ބުނީ ކޯވިޑްގެ ހާލަތް ގަބޫލް ކުރެވޭކަމެއްކަމަށާއި ނަމަވެސް، 2023 ގައި ބޭއްވުމަށް ރާއްޖެއަށް ލިބިފައިމިވާ އައިއޯއިޖީގެ އެޑިޝަން ލަސްކުރުމާމެދު ގޮތެއް ނިންމުން އަދި މިވަގުތު މަޑުޖައްސާލަން ޖެހޭކަމަށް ދެކޭކަމަށްވެސް ހުސެއިން ބުނެޏެވެ.

"މިއީ އަދި މިހަފްތާ ނުވަތަ މިއަންނަ މަހު ކޮންމެހެން ކެބިނެޓް ލެވެލްގައި ޑިޝިޝަނެއް ނަގަން ޖެހޭކަމެއް ކަމުގައި ގަބޫލެއް ނުކުރެވޭ. އައިއޯއައިޖީ އަކީ އޭގެ ޒާތުގައި އޮލިމްޕިކްސް، ނުވަތަ އޭޝިއަށް ގޭމްސް ނުވަތަ ކޮމަންވެލްތް ގޭމްސް ފެންވަރުގައި އިންތިޒާމުތަށް ހިނގާ ގޭމްސްއެއް ނޫން. އަޅުގަނޑަށް ގަބޫލް ކުރެވެނީ މިވަގުތު ކޯޖީއާއެކީ އެހެނިހެން އޮޕްޝަންތަކަށް މަޝްވަރާކުރެވިދާނެކަމަށް. އެހެންނޫނީ މިވަގުތު، މިއެޑިޝަން ހޯސްޓު ކުރާނެ އެހެން ގައުމެއް ތެދުވެއްޖެނަމަ، ދެން ރާއްޖެއަށް މިގޭސްމް ގެ އެއްވެސް އެޑިޝަނެއް ކައިރި މުސްތަގުބަލެއްގައި ލިބޭނެތޯ އެއީ ކުރަން ޖެހޭ ވަރަށް މުހިންމު ސުވާލެއް."

އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ނުލިބިއްޖެނަމަ އެއީ ފަހަތަށް އެޅޭ ފިޔަވަޅެއްކަމަށްވެސް ހުސެއިން މުހައްމަދު ބުނިއެވެ. ގޭމްސްއާއި ބެހޭގޮތުން އެސޯސިއޭޝަންތަކާއި ކުރި މަޝްވަރާގައިވެސް އެސޯސިއޭޝަންތަކުންވެސް ގޭމްސް ލަސްކުރުމަށް ތާޢީދު ކުރިކަމަށާއި ނަމަވެސް ލަސްކޮށްގެން ފުރުސަތު ގެއްލޭނަމަ، އެއީ އެންމެ ރަގަނޅު ގޮތް ނޫންކަމަށް އެސޯސިއޭޝަންތަކުން ބުނެފައިވެއެވެ.

ކުޅިވަރު ހިނގުމުގެ ދާއިރާއިން މަތީތައުލީމު ހާސިލް ކުރައްވާފައިވާ ހުސެއިން ބުނީ އައިއޯއައިޖީ ބޭއްވޭ ފެންވަރުގައި މިހާރުވެސް ވަރަށް ގިނަ ވަސީލަތްތައް އެބަހުރިކަމަށް ހުސއިން ބުންޏެވެ.

"އަޅުގަނޑަށް ފެންނަނީ ޕޫލެއް ފިޔަވައި ހުރިހާ ވަސީލަތެއް މިހިނދުން މިހިނދަށް ވެސް އެއޮތީ އެކަން ކުރެވޭވަރަށްކަމަށް. ޕޫލުގެ މަސައްކަތްވެސް ފެންނަނީ ވަރަށް ޕޮސިޓިވްކޮށް ދާއްތަން. ފުޓްބޯލް އަދި ބެޑްމިންޓަން އައްޑޫގައި ކުޅެވޭނެ. ކްރިކެޓް، ގޭމްސްގައި ހިމެނިއަސް، (އަދި ޔަގީނެއްނޫން ހިމެނޭކަމެއް) ފުވައްމުލަކުގައި ބޭއްވޭނެ. ސައިކްލިންގ ފަދަ ކުޅިވަރުތަކަށް ލާމުއަތޮޅުގައި ބޭއްވިދާނެ. ދެން އޮންނާނީ ބާސްކެޓް އާއި ވޮލީ. ގޭމްސް ގެ މުއްދަތުގައި އެދެކުޅިވަރުވެސް ރާވާލެވޭނެ ސޯޝަން ސެންޓަރ ހޯލުގައި. ޓީޓީއަށް އެކުވެނި ހޯލް އޮންނާނެ."

ވަސީލަތް ތަރައްގީ ކުރަން ޖެހިގެން، އެކަން ނުވެދާނެ ކަމުގެ ބިރަށް ގޭމްސް ލަސްކުރަން އުޅުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެކަން ހާމަކޮށްދެއްވަމުން ހުސެއިން ފާހަގަކުރެއްވިއެވެ. މީގައި ކްރިޓިކަލް އިޝޫއަކީ ގޭމްސް ލަސްކޮށްގެން ރާއްޖެއަށް ފުރުސަތު ގެއްލިއްޖެނަމަ، އަލުން މިގޭމްސްގެ އެއްވެސް އެޑިޝަނެއް ކައިރި މުސްތަގްބަލެއްގައި ރާއްޖެއަށް ހޯސްޓު ކުރަން ލިބޭނެކަމުގެ ޔަގީންކަން އެއްވެސް މީހަކަށް ނުދެވޭނެކަމަށްވެސް ހުސެއިން މުހައްމަދު ބުންޏެވެ. ދެން އޮންނަ ގޭމްސްއަކަށްވެސް ރާއްޖެއިން ޖެހެނީ ބިޑްކުރަންކަމަށްވެސް ހުސެއިން މުހައްމަދު ބުނި. އަދި އުއްމީދަކީ ކެބިނެޓްއިން ގޭމްސްއާއި މެދު ވަރަށް ބޮޑަށް، ވަރަށް ފުޅާ ނަޒަރަކުން ވިސްނެވުމަށްފަހު ރާއްޖޭގެ ކުޅިވަރަށް ފައިދާހުރި ގޮތަކަށް ނިންމުންތަށް ނިންމާނެކަމަށް އުއްމީދު ކުރާކަމަށްވެސް ހުސެއިން މުހައްމަދު ބުނެފިއެވެ.

"މިދައްކަނީ ވަރަށް ގިނަ ބަޔަކަށް ހިތްހަމަ ޖެހުމާއި، މުޖްތަމައުގެ އެއްބައެއްވަންތަކަމާއި އެކުވެރިކަން އިތުރަށް އާލާކޮށް، މިވަގުތު ދިމާވެފައިމިވާ އެކަހެރިވުމާއި ބައިބައިވުމަށް ހަމަ ޔަގީނުންވެސް އެއިވެންޓް ތައް ބޭއްވޭ އަތޮޅުތަކުގައި ހައްލެއް ގެނެސްދޭނެ ކަމެއްގެ ވާހަކަ. އިންޝާﷲ ކުރިއަށް އޮތް 2021 ގައި މިދިމާވެފައިވާ ކަންތަކުން އެއްކޮށް މިންޖުވެ، 2022 ގައި އަޅުގަނޑުމެންނަށް ނޯމަލްސީގައި ކަންކަން ރޭވި 2023 އަށް ހަމަ މާރަގަނޅަށްވެސް ތައްޔާރުވޭން ފުރުސަތުތައް އިންޝާﷲ ލިބޭނެ." އިންޓަރނޭޝަނަލް ބީޗް ރެފްރީ ހުސެއިން މުހައްމަދު ބުންޏެވެ.