ދުނިޔެ

ތުރުކީގައި ހުންނަވާ ފަރަންސޭސި ސަފީރު އެނބުރި ޤައުމަށް ވަޑައިގަތުމަށް އަންގައިފި


ތުރުކީވިލާތުގައި ހުންނަވާ ފަރަންސޭސި ސަފީރު ޤައުމަށް އެނބުރި ވަޑައިގަތުމަށް ފަރަންސޭސިވިލާތުގެ ސަރުކާރުން އަންގައިފިއެވެ. ފަރަންސޭސިވިލާތުން އެގޮތަށް އަންގައިފައިވަނީ އިސްލާމް ދީނާއި މުސްލިމުންނާމެދު އެ ޤައުމުގެ ރައީސް އެމަނުއަލް މެޚްރޮން ގެންގުޅުއްވާ ސިޔާސަތު ކުށްވެރި ކުރައްވާ ރައީސް މެޚްރޮންގެ ބުއްދި ގޯސްވެފައިވާކަމަށް ތުރުކީވިލާތުގެ ރައީސް ރަގަބު ޠައްޔިބު އުރުދުޣާން ވިދާޅުވުމުންނެވެ.

ފަރަންސޭސިވިލާތަކީ ސެކިއުލާ ވިސްނުމަށް ބާރުއަޅައި ޤައުމެކެވެ. އެ ޤައުމުގައި މާތް ރަސޫލާ މުޙައްމަދު (ސއވ)އާ ގުޅުވާ ކާޓޫނުތަކެއް ދަރިވަރުންނަށް ދެއްކި ފަރަންސޭސިވިލާތުގެ މުދައްރިސެއް މިދިޔަ ހަފުތާގައިވަނީ މަރާލައިފައެވެ. އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް މެޚްރޮންވަނީ ފަރަންސޭސިވިލާތުން 'އެފަދަ ކާޓޫނުތައް އުފެއްދުން' ހުއްޓާނުލާނެކަމަށް ވިދާޅުވެފައެވެ. އެ ހާދިސާ ހިންގުމުގެ ކުރިންވެސް ހައްދު ފަހަނައަޅާފައިވާ މުސްލިމުންގެ ކިބައިން ފަރަންސޭސިވިލާތް ރައްކާތެރިކުރަންޖެހޭކަމަށް ވިދާޅުވެ ރައީސް މެޚްރޮންވަނީ މުސްލިމުންނާ ގުޅުވައި ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އަދި ހައްދުފަހަނަ އަޅާފައިވާ މުސްލިމުންގެ މައްސަލައަށް ޙައްލެއް ހޯދުމަށް އައު ޤާނޫނުތައް ތަންފީޒުކުރައްވާނެކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

ފަރަންސޭސިވިލާތުން ސެކިއުލާ ސިޔާސަތުތަކަށް ބާރުއަޅާތީ އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ތުރުކީވިލާތުގެ ރައީސް އުރުދުޣާންވަނީ ރައީސް މެޚްރޮންގެ ބުއްދި އާއި މެދު ސުވާލު އުފައްދަވާފައެވެ. ރައީސް އުރުދުޣާން ވިދާޅުވީ ފަރަންސޭސިވިލާތުގައި އެތައް މިލިއަން މުސްލިމުން އުޅޭއިރު އެމީހުންގެ ދީނާ ގުޅުވާ އެފަދަ މޭރުމަކުން އެ ޤައުމުގެ ރައީސް ވާހަކަ ދެއްކެވީ ކީއްވެކަން ވިސްނިވަޑައިނުގަންނަވާކަމަށާއި ރައީސް މެޚްރޮންގެ ސިކުނޑީގެ ޙާލަތު ބަލައި ފަރުވާ ދޭންޖެހޭކަމަށެވެ.

އެއާއެކު ފަރަންސޭސިވިލާތުންވަނީ މަޝްވަރާކުރުމަށްކަމަށް ބުނެ ތުރުކީވިލާތުގައި ހުންނަވާ އެ ޤައުމުގެ ސަފީރު އަނބުރާ ޤައުމަށް ވަޑައިގަތުމަށް އެ ޤައުމުންވަނީ އަންގައިފައެވެ. ރައީސް މެޚްރޮނާއެކު ތުރުކީވިލާތާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ޙާލަތާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާނެކަމަށް އެ ޤައުމުން ބުންޏެވެ. ރައީސް އުރުދުޣާން ދެއްކެވި ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫންކަމަށާޢި ބޭއިޚްތިރާމުކޮށް ވާހަކަ ދެއްކުމަކީ ރަނގަޅުގޮތެއް ނޫންކަމަށްވެސް ފަރަންސޭސިވިލާތުގެ ސަރުކާރުންވަނީ ބުނެފައެވެ.

ރައީސް އުރުދުޣާން ގެންގުޅުއްވާ ސިޔާސަތުތައް ރަނގަޅު ނޫންކަމަށާއި އެއީ ނުރައްކާތެރި ސިޔާސަތުތަކެއްކަމަށް ފަރަންސޭސިވިލާތުން ބުންޏެވެ. ނޭޓޯގެ ދެ ބައިވެރިން ކަމުގައިވާ ފަރަންސޭސިވިލާތާއި ތުރުކީވިލާތާ ދެމެދު ގިނަ މައްސަލަތަކެއްގައިވަނީ ޚިޔާލު ތަފާތުވެފައެވެ. އެގޮތުން ސޫރިޔާއާއި ލީބިޔާގައި ކުރަމުންދާ ދާޚިލީ ހަނގުރާމަތަކާއި ނަގޯރުނޯ ކަރަބަޚްގެ މައްސަލައިގައި އަރުމޭނިއާއާއި އަޒަރުބައިޖާނާ ދެމެދު ހިންގަމުންދާ ހަމަނުޖެހުންތަކާމެދުވެސް ދެ ޤައުމުންވަނީ ޚިޔާލު ތަފާތުވެފައެވެ.