ޚަބަރު

ފެންފުށިން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި


މިމަހުގެ ކުރީކޮޅު ފެންފުށިން ފެނުނު ބައިކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި ގުޅުންހުރި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ ފެންފުށީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ރައްކާކޮށްފައިވާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލި ޕޮލިސް ސްޓޭޝަނާއި ފެންފުށި ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި މި މަސްތުވާތަކެތި ފެނިފައިވަނީ އެރަށު ވަލުތެރެ ބަލައި ފާސްކުރުމުގެ ތެރޭގައިކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި އެއް ކިލޯ 20 ގުރާމް ހުރިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި ތަކެއްޗަކީ އޮކްޓޯބަރ 08 ވަނަ ދުވަހު ފެންފުށިން އަތުލައިގަތް ކްރިސްޓަލް މެތު ކަމަށް ބެލެވޭ ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައާ ގުޅުންހުރި މަސްތުވާތަކެތިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.