ދުނިޔެ

ކެމެރޫންގެ މަދަރުސާއަކަށް ޙަމަލާދީ ހަ ކުދިން މަރާލާ 12 ކުދިން ޒަހަމްކޮށްލައިފި


ކެމެރޫނުގެ މަދަރުސާއަކަށް ބަޔަކު ވަދެ ދިން ބަޑީގެ ޙަމަލާއެއްގައި ހަ ކުދިން މަރުވެ ބާރަ ކުދިން ޒަޚަމުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ޤައުމުގެ ހުޅަނގުދެކުނު ސަރަޙައްދުގައި އޮންނަ ކުމްބާ ކިޔާ ސިޓީޢެއްގައެވެ. އެ ސަރަޙައްދަކީ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން ޙަރަކާތްތެރިވާ ސަރަޙައްދެކެވެ.

ކެމެރޫނުގެ އެ މަދަރުސާއަށް ޙަމަލާދީފައިވަނީ މެންދުރުގެ ވަގުތެއްގައެވެ. މަންޒަރު ދުށް މީހުން ބުނީ ޙަމަލާ ދިން މީހުން މަދަރުސާއަށް އައިސްފައިވަނީ ސައިކަލުތަކެއްގައި ކަމަށާއި އެމީހުން ލައިގެން ތިބީ އާދައިގެ ހެދުންކަމަށެވެ. އެ މީހުން މަދަރުސާގެ ތެރެއަށް ވަދެ ދަރިވަރުން ތިބި ކުލާސްރޫމު ހޯދައި އެތަނަށް ވަދެ ވަނީ ބަޑި ޖަހާފައެވެ. އެ ހާދިސާގައި ޒަޚަމްވީ ކުދިންގެ ތެރޭގައި ޙާމަލާއިން ސަލާމަތްވުމަށް ދެވަނަ ފަންގިފިލައިން ބިމަށް ފުންމާލި ކުދިން ހިމެނެއެވެ. އދގެ އޮފިސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް ބުނީ މަރުވި ކުދިންގެ ތެރޭގައި ކޯރާޑިން ޙަމަލާދީ މަރާލާފައިވާ ކުދިންވެސް ހިމެނޭކަމަށެވެ. މަރުވި ކުދިންގެ ތެރޭގައި ހިމެނެނީ 12 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނެވެ.

މިހާތަނަށް އެ ޙާމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ. އެ ޙަމަލާއާއި ކެމެރޫންގެ އަސްކަރިއްޔާއާއި ވަކި ދަޢުލަތެއް އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅުމެއް ވާކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. ބައެއް ފަރާތްތަކުންދަނީ އެ ޙަމަލާއަކީ އެމްބަޒޯނިއާ ކިޔާ އަމިއްލަ ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރާ ޖަމާޢަތުން ދިން ޙަމަލާއެއްކަމަށް ބުނަމުންނެވެ. ނަމަވެސް ވަކިވެގަނެފައިވާ ޖަމާޢަތުގެ އިސް ވެރިޔާ އަޔުކް ތާބޭވަނީ އެ ޙާމަލާ ކުށްވެރިކޮށް، ޙަމަލާދިން މީހުންނަށް ހައްޤު އަދަބު ދޭންޖެހޭކަމަށް ބުނެފައެވެ.