ޚަބަރު

ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ރާއްޖޭގައި ރުކުގެ އައު ޖީލެއް އުފެއްދުމަށްޓަކައި ފެންވަރު ރަނގަޅު ރުކުގެ މުޑުވައް އާލާކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ދުރުމުސްތަޤުބަލަށް މުޑުވައް ނެރެވޭ، ރަނގަޅު ފެންވަރުގެ ރުކުގެ ޖީލެއް ރަށްރަށުގައި ތަރައްޤީކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މި ޕްރޮގްރާމަށް އަމިއްލަ ފަރާތްތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ. އެގޮތުން ސިޔާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 1500 ރުއް ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ 'ޗަވައްކަޑު އޮރެންޖެ' ޑްވާފު މުޑުވަކެވެ. އާންމުކޮށް ޑްވާފް ވެރައިޓީގެ މުޑުވައްތައް ހެދޭނެ ދިގުމިނަކީ 10-15 ފޫޓެވެ.

މިޕްރޮގްރާމްގެ ދަށުން ރުއް އިންދަން ޝަޢުޤުވެރިވާ ކައުންސިލްތަކުން އަންނަމަހުގެ 12 ވަނަ ދުވަހުގެ ކުރިން ފޯމް ހުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ކައުންސިލްތަކުގެ ތެރެއިން 15 ކައުންސިލެއް ހޮވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ކޮންމެ ރަށަކަށް 10 ރުއް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. ރުއްތައް ލިބޭ ރަށްތައް ހޮވުމަށް ހަމަޖެހިފައިވަނީ ރަށުގެ ބޮޑު މިނަށާއި ރަށުގެ ރުއްތަކަށް ދިމާވެފައިވާ މައްސަލަތަކާއި މި މައްސަލަތައް ޙައްލުކުރުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތްތަކަށް ބެލުމަކަށް ފަހުގައެވެ. އަދި ހަދިޔާކުރެވޭ ރުއްތައް ބޭނުންކުރުމުގެ ޕްލޭނާއި ދުރުމުސްތަޤްބަލަށް އެރުއްތަކުން ފައިދާހޯދަން ރާވާފައިވާ ގޮތްތަކުގެ މައްޗަށް ބަލާނެކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރުގެ ދަނަޑުވެރިކަމުގެ ދުވަހާ ގުޅިގެން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ދެއްވި ޚިޠާބުގައި ވަނީ ރުކުގެ އައު ޖީލެއް އުފެއްދުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ފެށްޓެވިކަން ހާމަކުރައްވާފައެވެ.