ޚަބަރު

ސްކޫލްތައް ހުޅުވައިގެން ގްރޭޑް 7 ގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފި


މާލެ ސަރަހައްދުގެ ސްކޫލްތައް ހުޅުވައިގެން ގްރޭޑް 7 ގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފިއެވެ.

މިއަދު ގްރޭޑް 7 ގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށާފައިވާއިރު މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވަނީ ގްރޭޑް 8ގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށާފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މާލެ ސަރަހައްދުގައި ކޯވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާތީ އަލުން ސްކޫލްތައް ވަނީ ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު މާލޭގެ ސްކޫލްތައް ހުޅުވައި މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް އެއް މަސްދުވަހަށްފަހު ކިޔަވައިދޭން ފަށާފައިވަނީ މިމަހުގެ 4 ވަނަދުވަހުއެވެ. ފުރަތަމަ ކިޔަވައިދޭން ފެށީ ގްރޭޑް 9 އިން 12 ގެ ދަރިވަރުންނަށެވެ. ސްކޫލްތައް އަލުން ހުޅުވާ ކިޔަވައިދޭން ފަށާފައިވަނީ އެޗްޕީއޭއާއި ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވަނީ ގްރޭޑް 6 އިން ދަށުގެ ދަރިވަރުންނަށް މިއަހަރު ސްކޫލަށް ގެންގޮސްގެން ކިޔަވައިދިނުމުގެ ވިސްނުމެއް ނުގެންގުޅުވާކަމަށެވެ. އެކުދިންނަށް ކިޔަވައިދެމުން ގެންދާނި މިހާރެކޭވެސް އެއްގޮތަށް އޮންލައިންކޮށާއި ޓެލިކިލާސް މެދުވެރިކޮށްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިގްރޭޑްތަކަށް ކިޔަވައިދޭން ފާށާފައިވާއިރު މިހާރު މާލެ ސަރަހައްދުން މިވަނީ ކޯވިޑްގެ ކޭސްތައްވެސް މަދުވާން ފަށާފައެވެ. އެގޮތުން އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބތުތައް ދައްކާގޮތުން އިއްޔެ މާލެ ސަރަހައްދުން ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ 23 މީހުންނެވެ. އަދި މުޅި ރާއްޖެއިން މިހާތަނަށް 11421 މީހުން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.