ވިޔަފާރި

ޓީޓީއެމް ޓްރެވެލް ސަމިޓް މިއަހަރު ވަރޗުއަލްކޮށް


މިއަހަރުގެ "ޓީޓީއެމް ޓްރެވެލް ސަމިޓް 2020" އޮންނާނީ ވަރޗުއަލްކޮށްކަމަށް އޯރކާ މީޑިއާ ގްރޫޕުން ހާމަކޮށްފިއެވެ.

ޓީޓީއެމް ޓްރެވަލް ސަމިޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ސަމިޓްއެވެ.

މިއަހަރުގެ ސަމިޓް އޮންނާނީ ނޮވެމްބަރ މަހުގެ 24 އިން 26 ގެ ނިޔަލަށެވެ. އޯރކާ މީޑިއާ ގުރޫޕުުން ހާމަކުރާގޮތުގައި މިއަހަރުގެ ޓްރެވެލް ސަމިޓްގައި ބޮޑަށް މަޝްވަރާކުރާނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ކުރިއެރުވުމާއި ގުޅޭގޮތުންނެވެ. އެގޮތުން ދާއިރާގެ ތަޖުރިބާކާރު ފަރާތްތަކުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވިދާނެ ގޮތްތަކާއި، މާކެޓް ޓްރެންޑްސްއާއި، ރާއްޖޭގެ ފަތުރުވެރިކަން ޖުމްލަކޮށް އެނަލައިޒް ކުރާނެއެވެ.

މި ސަމިޓް ޓްރެވެލް ޓްރޭޑް މޯލްޑިވްސްގެ ވެބްސައިޓުންނާއި ( traveltrademaldives.com ) ޓްރެވެލް ޓްރޭޑް މޯލްޑިވްސްގެ ސޯސަލް މީޑިއާގެ އެކި ފްލެޓްފޯމްތަކުން ވަގުތުން ދައްކާނެއެވެ.

ޓީޓީއެމް ޓްރެވެލް ސަމިޓް 2020 ވަރޗުއަލްގެ ތެރެއިން އެގްޒިބިޓަރުންނާއި ޓްރޭޑް ވިޒިޓަރުންނާއި ދެމެދު ޕްރީ ޝެޑިއުލްޑް ބައްދަލުވުންތައް އޮންނާނެ ކަމަށް އޯރކާ މީޑިއާ ގްރޫޕުން ހާމަކުރެއެވެ. މި ބައްދަލުވުންތައް އޮންނާނީ ނޮވެމްބަރުމަހުގެ 25 އިން 26 އަށެވެ. ޓީޓީއެމް މޯލްޑިވްސް ވަރޗުއަލް ކުރިއަށްދާނީ ޓީޓީއެމް ކަނެކްޓް ސޮފްޓްވެއަރ މެދުވެރިކޮށެވެ.

ޓީޓީއެމް ޓްރެވެލް ސަމިޓް ކުރިއަށްދަނީ ޓީޓީއެމްގެ ބައެއްގެ ގޮތުގައެވެ. ޓީޓީއެމް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އޭޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ހަރަކާތެވެ.

ޓްރެވެލް ޓްރޭޑް މޯލްޑިވްސްއަކީ އޯރކާ މީޑިއާގެ އުފެއްދުމެކެވެ. އޯރކާ މީޑިއާ ގްރޫޕްއަކީ މީޑިއާ އަދި މާކެޓިންގ ގެ ދާއިރާގައި ރާއްޖޭގައި ފުޅާދާއިރާއްގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. މިއީ ޓީޓީއެމް ޓްރެވެލް ސަމިޓް ބާއްވާ 4 ވަނަ ފަހަރެވެ.