ދުނިޔެ

ރައީސް ޓްރަންޕު ވޯޓު ލައްވައިފި، ވޯޓުލެއްވީ 'ޓްރަންޕު' ކިޔާ ބޭފުޅަކަށް


ދެވަނަ ދަޢުރަކަށް ކުރިމަތިލައްވާފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލައްވައިފިއެވެ.

އެމެރިކާގެ ނިއުޔޯކަށް އުފަން ރައީސް ޓްރަންޕު އެ ޤައުމުގެ ފުލޮރިޑާ ސްޓޭޓުގެ ރަށްވެއްސަކަށް ވެވަޑައިގަތީ 2019ވަނަ އަހަރުގެ ތެރޭގައެވެ. މިއީ ފުލޮރިޑާގެ ރަށްވެއްސެއްގެ ހައިސިއްޔަތުން އެމަނިކުފާނު ވޯޓުލެއްވި ފުރަތަމަ ފަހަރެވެ.

ފުލޮރިޑާގެ ކުތުބުޚާނާއެއްގައި ރައީސް ޓްރަންޕު ވޯޓުލައްވާފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. ކޯވިޑް-19 ފެތުރޭ މި ޙާލަތުގައި މާސްކެއް ތުރުކުރައްވައިގެން ވޯޓުލާ މަރުކަޒަށް ޓްރަންޕު ވަޑައިގެންއިރު އޭނާއަށް ތާއީދުކުރާ މީހުން ކުތުބުޚާނާގެ ދޮރުމައްޗަށް އެއްވެ އިތުރު ހަތަރު އަހަރަށް ރައީސް ޓްރަންޕު އިންތިޚާބުކުރުމަށް ދިޔައީ ގޮވައިލަމުންނެވެ.

ވޯޓު ލެއްވުމަށްފަހު ވާހަކަދައްކަވަމުން ރައީސް ޓްރަންޕު ވިދާޅުވީ އޭނާ ވޯޓުލެއްވީ 'ޓްރަންޕު" ކިޔާ ބޭފުޅަކަށްކަމަށެވެ. ވަގުތުން ކަރުދާސް ވޯޓުލުމަކީ ވޯޓުލުމަށް ވަރަށް ރައްކާތެރިގޮތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޕޯސްޓު މެދުވެރިކޮށް ވޯޓްލުމަކީ ވޯޓު އޮޅުވާލުމަށް މަގުފަހިވާނެކަމެއްކަމަށް ތަކުރާރުކޮށް ތުހުމަތު ކުރައްވަމުން ގެންދަވާ ޓްރަންޕު ވިދާޅުވީ ޕޯސްޓު މެދުވެރިކޮށް ވޯޓުލުމަށްވުރެ ޔަޤީންކަން ބޮޑީ ވޯޓުލާ މަރުކަޒަކަށްގޮސް ވޯޓުލުންކަމަށެވެ.

ފުލޮރިޑާގެ ވެސްޓް ޕާމް ބީޗުގައި ހުރި ވޯޓުލާ މަރުކަޒަކަށް ޒިޔާރަތްކުރައްވާ ރައީސް ޓްރަންޕު ވޯޓުލައްވާފައިވަނީ ނޯތު ކެރޮލައިނާ، އޯހައިއޯ އަދި ވިސްކޮންސިންގައި ބާއްވާ ކެމްޕެއިނު ޙަރަކާތްތަކަކަށް ދަތުރުކުރައްވަމުންދިޔަ މަގުމަތީގައެވެ.

ނޮވެމްބަރު 3ވަނަ ދުވަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން 56 މިލިއަނަށްވުރެ ގިނަ މީހުން މިހާރުވަނީ އިންތިޚާބުގައި ވޯޓުލައިފައެވެ. ފުލޮރިޑާއަކީ އިންތިޚާބަށް ވަރަށް މުހިންމު ސްޓޭޓެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.