އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް ސޫދާނުން ނިންމައިފިއެވެ. ސޫދާނުން އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް ނިންމާފައިވަނީ ޔޫއޭއީ އާއި ބަހުރައިނުން އިސްރާއީލާއެކު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެއާއެކު އެ ޤައުމު ވެގެން ގޮސްފައިވަނީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް ނިންމާފައިވާ ތިންވަނަ ޢަރަބި ޤައުމަށެވެ.
އިތުރު ދަޢުރަކަށް ކުރިމަތިލައްވާފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު މެދުވެރިވެ އިސްރާއީލާއި ސޫދާނާ ދެމެދު ގުޅުން ބަދަހިކުރުމަށް ނިންމާފައިވަނީ ފޯނު ކޯލެއްގެ ޒަރިއްޔާއިންކަމަށް އެމެރިކާގެ ރަސްމީ ފަރާތްތަކުން ބުންޏެވެ. އެ ފޯނު ކޯލުގައި ބައިވެރިވެވަޑައިގެންފައިވަނީ ރައީސް ޓްރަންޕުގެ އިތުރުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ސޫދާނުގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޮކާއި ޓްރަންސިޝަނަލް ކައުންސިލުގެ އިސްވެރިޔާ އަބްދުލް ފައްތާޙު އަލްބުރުހާނުކަމަށް އެމެރިކާއިން ބުންޏެވެ.
މި ހަފުތާގައި ރައީސް ޓްރަންޕުވަނީ ނިރުބަވެރިކަމަށް ޚަރަދުކުރާ ޤައުމުތަކުގެ ލިސްޓުން ސޫދާނު އުނިކުރައްވާފައެވެ. އެއާއެކު އިސްރާއީލާއި ސޫދާނާ ދެމެދު ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ފަހިވެގެން ދިޔައެވެ. އެއަށްފަހު އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް ސޫދާނުން ނިންމި ނިންމުމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ މަރުޙަބާ ކިޔުއްވާފައެވެ. އަދި ސަރަޙައްދީ ކުރިއެރުމުގެ އައު ސަފުހާއެއް ފެށިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފަލަސްޠީނުންވަނީ އެ ޤައުމުގެ ބިންތައް އިސްތިޢުމާރުކޮށްފައިވާ އިސްރާއީލާއެކު ޢަރަބި ޤައުމުތަކުން ގުޅުންބަދަހިކުރަމުންދާތީ އެއީ އަމިއްލަ ދަޢުލަތެއް ޤާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ފަލަސްޠީނަށް ދެވޭ ބޮޑު އަނިޔާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ސޫދާނުން އިސްރާއީލާއެކު ގުޅުން ބަދަހިކުރަން ނިންމި ނިންމުމާއި ގުޅޭގޮތުން ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންގެ ނަމުގައާއި ފަލަސްޠީނަށް އެހީތެރިވުމުގެ ނަމުގައި ވާހަކަދެއްކުމުގެ ހައްޤު އެއްވެސް ޤައުމަކަށް ލިބިގެން ނުވާކަމަށެވެ.
އެމެރިކާ އާއި ސޫދާނާއި އިސްރާއީލުން އެކުގައި ނެރުނު ބަޔާނެއްގައިވަނީ އިސްރާއީލާއި ސޫދާނާއި ދެމެދު ގުޅުން ބަދަހިކުރުމަށް ނިންމާފައިވާކަން އިޢުލާނުކުރައްވާފައެވެ. ސޫދާނުގެ ދަރަނިތަކަށް ލުއި ހޯދުމުގައި އެމެރިކާގެ އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް އެ ބަޔާނުގައިވަނީ ބުނެފައެވެ.
އިސްރާއީލާއި ސޫދާނުން ފުރަތަމަ އިސްކަންދޭނީ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން ޤާއިއުމްކުރުމަށްކަމަށް ބަޔާނުގައިވަނީ ބުނެފައެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު ވިދާޅުވީ އިތުރު ފަސް ޤައުމަކުން އިސްރާއީލާއެކު ގުޅުންބަދަހިކުރުމަށް ޝައުޤުވެރިވާކަމަށެވެ.