ރިޕޯޓް

ވައި ތަޣައްޔަރުވުމުން މިދިޔަ އަހަރު 470،000 ކުދިން މަރުވި: ދިރާސާ


ވައި ތަޣައްޔަރުވުމުގެ ސަބަބުން 2019ވަނަ އަހަރުގެ ތެރޭގައި 476،000 ތުއްތުކުދިން މަރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ވައި ތަޣައްޔަރުވުމާއި ގުޅޭގޮތުން ހަދާފައިވާ ސްޓޭޓް އޮފް އެއާ 2020 ކިޔާ ދިރާސާއަކުން ދެއްކި ގޮތުގައި ވައިގެ ނުސާފުކަމުގެ ސަބަބުން އެންމެ ގިނަ ޢަދަދެއްގެ ތުއްތު ކުދިން މަރުވެފައިވަނީ އިންޑިޔާއާއި އެފުރިކާގެ ބައެއް ޞަރަޙައްދުތަކުންނެވެ. މަރުވި ކުދިންގެ ތިން ބައި ކުޅަ އެއްބައި މަރުވެފައިވަނީ ކައްކަން ބޭނުންކުރާ ތެޔޮ އެނދުމުން އުފެދޭ ނުރައްކާތެރި މާއްދާއެއްގެ ސަބަބުންނެވެ.

އުފަންވިތާ ފުރަތަމަ މަސް ދުވަހުގެ ތެރޭގައި އިންޑިޔާގައި 116،000 ތުއްތުކުދިންވަނީ ވައި ނުސާފުވުމުގެ ސަބަބުން މަރުވެފައެވެ. ހަމަ އެ މުއްދަތުގައި އެފުރިކާގެ ސަބް ސަރަހަން ސަރަޙައްދުގައި 236،000 ކުދިންވަނީ މަރުވެފައެވެ. އެ ޢަދަދުތައް ފޯރުކޮށްދީފައިވަނީ އެމެރިކާގައި މަރުކަޒުވެފައި ހުންނަ ހެލްތު އިފެކްޓްސް އިންސްޓިޓިއުޓާއި އިންސްޓިޓިއުޓް އޮފް ހެލްތު މެޓްރިކްސް އެންޑް އިވަލުއޭޝަނަނުންވެ.

ދިރާސާކުރި ފަރާތުން ބުނީ އެ ދިރާސާ ބިނާކުރީ ތަޣައްޔަރުވެފައިވާ ވަޔަށް މާބަނޑު އަންހެނުން ހުށަހެޅުމުން ދުވަސް ނުފުރާ ވިހެއުމާއި ވިހާ ތުއްތުކުދިންގެ ބަރުދަން ލުއިވުމާއި ގުޅުވައިދޭ ހެކިތަކުގެ މައްޗަށްކަމަށެވެ. އެފަދަ ޙާލަތްތައް މެދުވެރިވުމުން ތުއްތުކުއްޖާގެ ފުރާނައަށް ނުރައްކާވާކަމަށާއި އެފަދަ ކަންކަމަކީ އިންޑިޔާއާއި އެފުރިކާގެ ސަބްސަހަރަން ސަރަޙައްދުތައި އެންމެ ގިނަ ކުޑަކުދިން މަރުވާ ސަބަބުތައް ކަމަށްވެސް ދިރާސާގައިވަނީ ފާހަގަކޮށްފައެވެ.

އައު ދިރާސާގައިވަނީ އުފަންވުމުގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރުވާ ކުދިންގެ ތެރެއިން ވައި ނުސާފުވުމާއި ދިރިއުޅޭ މާހައުލުގެ ސަބަބުން މަރުވި ކުދިންގެ ނިސްބަތް އަންދާޒާކޮށްފައެވެ. އެޗުއީއައިގެ ރައީސް ޑެން ގްރީންބައުމް ވިދާޅުވީ އަލަށް އުފަންވާ ކުދިންގެ ޞިއްޙަތު ރަނގަޅުވުމަކީ ކޮންމެ މުޖުތަމަޢުއަކަށްވެސް ވަރަށް މުހިންމުކަމެއްކަމަށާއި ފަހުގެ ހޯދުންތަކުން ދެކުނު އޭޝިޔާއާއި ސަބް ސަހަރަން އެފުރިކާގެ ސަރަޙައްދުތަކުގައި އުފަންވާ ކުދިންނަށް އޮންނަ ނުރައްކާ ވަރަށް ބޮޑުކަމަށް ދައްކާކަމަށެވެ.

އާންމު ދިރިއުޅުމުގައި ދަށް ފެންވަރުގެ ތެޔޮ ބޭނުންކުރަންޖެހޭ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް މަޑުމަޑުން މަދުވަމުންދާ ނަމަވެސް އެފަދަ ތެލުގެ ސަބަބުން ވައިގެ ތެރެ ނުސާފުވެ، އޭގެ ސަބަބުން ގިނަ ޢަދަދެއްގެ ތުއްތުކުދިން އަދިވެސް މަރުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

2019ވަނަ އަހަރުގެ ތެރޭގައި ވައި ނުސާފުވުމުގެ ސަބަބުން މަރުވި މީހުންގެ ޖުމްލަ ޢަދަދަކީ 6.7 މިލިއަނެވެ. ލޭގެ ޕުރެޝަރު މަތިވުމާއި ދުންފަތް ބޭނުންކުރުމާއި ކެއުމުގެ އާދަކާދަތަކަށްފަހު ހަތަރުވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވަނީ ވައި ނުސާފުވުމުގެ ސަބަބުންނެވެ.

ދިރާސާކުރި ފަރާތުން ބުނީ ކޯވިޑް-19 ގެ ސަބަބުން ވަރަށް ގިނަ ޤައުމުތަކުގެ ވައިގެ ތެރެ ސާފުވެފައިވާކަމަށެވެ. ނޫ ކުލައިގެ އުޑު ސާފުކޮށް ފެނުމާއި ރޭގަނޑުގެ ވަގުތުތަކުގައި އަލިގަދަ ތަރިތައް ހުރަހެއް ނެތި ބަލާލުމުގެ ފުރުޞަތު ބަލިމަޑުކަމުގެ ސަބަބުން ލިބިފައިވާކަމަށާއި އެ ފުރުޞަތު ލިބުމުން ވައި ތަޣައްޔަރުވުމުގެ ސަބަބުން ގެއްލިގެންދާ އުފާތައް އިތުރަށް ފައުޅުވަމުންދާކަމަށް އެ ފަރާތުން ބުންޏެވެ.