ކުޅިވަރު

ބްރޭކަށްފަހު ފުޓްބޯޅަ ކުޅެން ބޭނުންވެފައިތިބި މިންވަރު ފަރިތަކުރުންތަކުން އެނގިއްޖެ: ނިޒާމްބެ


ބްރޭކަށްފަހު ކުޅުންތެރިން ފުޓްބޯޅަ ކުޅެން ބޭނުންވެފައި ތިބި މިންވަރު ފަރިތަކުރުންތަކުން އެނގިގެން ހިނގައްޖެކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ކޯވިޑް-19 ގެ ސަބަބުން ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް ކުރިޔަށްގެންދިޔުން މެދުކަނޑާލާފައި އޮތުމަށްފަހު އައު ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ދިނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެގޮތުން އެންމެ ފުރަތަމަ ފަރިތަކުރުންތައް ފެށި ޓީމަކީ މާޒިޔާއެވެ. އެޓީމުން ވަނީ މިމަހުގެ 10 ވަނަ ދުވަހު ފަރިތަކުރުންތައް ފަށާފައެވެ.

2 ހަފްތާގެ ފަރިތަކުރުންތަކަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗުކަމާއި މިދިޔަ ޖުލައި މަހު ހަވާލުވި މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ، ބްރޭކަށްފަހު ކުޅުންތެރިން އެނބުރި ފަރިތަކުރުންތައް ކުރިޔަށްގެންދަން ނުވަތަ ފުޓްބޯޅަ ކުޅެން ބޭނުންވެފައި ތިބި މިންވަރު ވޭތިވިދިޔަ 2 ހަފްތާގެ ޓްރެއިނިންގ ސެޝަންތަކުން އެނގިގެން ހިނގައްޖެކަމަށެވެ. ކުޅުންތެރިން ފަރިތަކުރުންތައް ކުރިޔަށްގެންދަން ތިބި މިންވަރު ބޮޑުކަމުން ފަރިތަކުރުންތަކުގައި ދައްކާ ހިތްވަރާއި ކުރާ މަސައްކަތް ވަރަށް ބޮޑަށް ރަނގަޅުކަން ނިޒާމްބެ ފާހަގަކުރިއެވެ.

ޓީސީ ސްޕޯޓްސް ކްލަބާއެކު ރަނގަޅު ނަތީޖާތަކެއް ހޯދި ނިޒާމްބެ ބުނީ، ފަރިތަކުރުންތަކުގައި ކުޅުންތެރިން ދައްކާ ހިތްވަރުގެ ސަބަބުން އޭނާއަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭކަމަށެވެ. ނިޒާމްބެ ބުނީ އެންމެ މުހިއްމު ކަމަކީ ލީގު ފަށަންވާއިރަށް ކުޅުންތެރިން އެކަށީގެންވާވަރަށް ތައްޔާރުވެފައި ތިބުންކަމަށެވެ. އެގޮތުން ލީގު މެޗުގެ ކުރިން ޗެރިޓީ ޝީލްޑް މެޗު އޮތުމަކީ ކުޅުންތެރިން ޓެސްޓްކޮށްލަން ލިބޭނެ ރަނގަޅު ފުރުޞަތެއްކަން ނިޒާމްބެ ފާހަގަކުރިއެވެ.

"އަސްލު ބުނަން ޖެހޭނީ ބްރޭކަށްފަހު އައިއިރު އުއްމީދުކުރި ވަރަށްވުރެ މާ ބޮޑަށްވެސް ކުޅުންތެރިން މި ޕްރެކްޓިސް ބޭނުންވެފައި ނޫނީ ފުޓްބޯޅަ ކުޅެން ކުޅުންތެރިން ބޭނުންވެފައި ތިބީ. އޭގެ ސަބަބުން ކުޅުންތެރިން އެލާ ހިތްވަރާއި ކުޅުންތެރިން އެކުރާ މަސައްކަތް މާ ބޮޑަށްވެސް ރަނގަޅުކަމަށް ފާހަގަކުރެވެނީ" މާޒިޔާގެ ފޭސްބުކް ޕޭޖުގައި އާއްމުކުރި އިންޓަރވިއެއްގައި ނިޒާމްބެ ބުންޏެވެ.

އައު ސީޒަނަށް ތައްޔާރުވުމަށް މާޒިޔާއިން ފަރިތަކުރުންތައް ފަށާފައިވާއިރު، ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓުންވެސް ވަނީ ސީޒަނަށް ތައްޔާރުވުމަށް މިހާރު ފަރިތަކުރުންތައް ފަށާފައެވެ.

މިފަހަރުގެ ލީގުގައި ވާދަކުރާ 8 ކްލަބަކީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސްއެވެ.

އައު ސީޒަން ޑިސެމްބަރ މަހު ފެށުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ނިންމާފައެވެ. އެގޮތުން ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހު ކުޅުމަށް ތާވަލްކޮށްފައިވާއިރު މި މެޗުގައި ބައްދަލުކުރާނީ ލީގު ޗެމްޕިއަން މާޒިޔާ އާއި ލީގުގެ ދެވަނައަށް ދިޔަ ކްލަބް އީގަލްސްއެވެ.

މިފަަހަރު ދިރާގު ދިވެހި ޕްރިމިއަރ ލީގު ހުޅުވާ މެޗުގައި ބައްދަލުކުރަނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީއެވެ. ލީގު ހުޅުވާ މެޗު ކުޅުމަށް ތާވަލްކޮށްފައިވަނީ ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހަށެވެ.