ޚަބަރު

ކުޅުދުއްފުށީގައި ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައި މީހުން ތިބިތޯ ބަލަނީ


ކުޅުދުއްފުށީގައި އުޅޭ ޒަރޫރީ ބޭނުންތައް ނުފުދިފައި ތިބި މީހުންގެ މައުލޫމާތު އެއްކުރުމުގެ ޙާއްސަ ހަރަކާތެއް ކުޅުދުއްފުށީ ކޮވިޑް-19 ޓާސްކް ފޯސްއިން ފަށާފައިވާ ކަމުގައި ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުއްލަޠީފް ހަސަން ވިދާޅުވީ، މިމަސައްކަތް ފަށާފައި ވަނީ އިއްޔެ ކަމަށާއި، މިހާތަނަށް، 9 މީހަކު ރަޖިސްޓްރީވެފައިވާކަމަށެވެ. ލަޠީފް ވިދާޅުވީ، ޟަރޫރީ ބޭނުންތައް ފުއްދުމަށާއި އެނޫންވެސް އެހެންކަންކަމުގައި ދަތިވެފައިވާ ފަރާތްތަކުން އެކަން ރިޕޯޓު ކުރުމަށް މިހާރު ހޮޓްލައިނެއްވެސް ޤާއިމްކޮށްފައިވާ ކަމަށެވެ. މިގޮތުން ޤާއިމްކޮށްފައިވާ ހޮޓްލައިން ނަމްބަރަކީ، 6528831 އެވެ.

ލަޠީފު ވިދާޅުވީ، ކުޅުދުއްފުށީގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އަދި ކުޅުދުއްފުށި މޮނިޓަރިންއަށް ލުމާއި ގުޅިގެން ކުޅުދުއްފުށީގައި ނުފުރި ތާށިވެފައި ތިބި މީހުންނާއި، އެކި ބޭނުންތަކަށް ކުޅުދުއްފުއްޓަށް އަންނަން ބޭނުންވެ ނާދެވިފައި ތިބި މީހުންގެ މައުލޫމާތުވެސް އެއްކުރަމުން ދާކަމަށެވެ.

މީގެ އިތުރުން ރަށުގައި ބިދޭސީން ދިރިއުޅޭ ތަންތަނަށް ކައުންސިލުން ރެޑްކްރެސެންޓްގެ ދަރުމަވެރިންނާއި އެކު ޒިޔާރަތްކޮށް އެމީހުންގެ ހާލަތުހުރިގޮތްވެސް ބަލާފައިވާ ކަމަށާއި، އެގޮތުން 37 ގެއަކަށް ޒިޔާރަތް ކުރެވުނު ކަމުގައި ލަޠީފް ވިދާޅުވިއެވެ.

ކުޅުދުއްފުށިން ކޯވިޑް-19އަށް ޕޮޒިޓިވް މީހުން ފެނިފައި ވުމާއި އެކު އެރަށުގައި މިހާރުވަނީ، ޚާއްސަ ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން އާއްމުން ހޭލުތެރި ކުރުވުމުގެ މަސައްކަތް ފަށާފައިވާއިރު، ފިހާރަތަކާއި ކެފޭތައް ފަދަ ތަންތަން ހިންގަމުންދަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށްތޯ ބަލައި އިންސްޕެކްޓް ކުރެވެމުން ދާކަމުގައި ލަޠީފު ވިދާޅުވިއެވެ.

ކުޅުދުއްފުއްޓަކީ އުތުރުގެ މަރުކަޒީރަށްކަމުގައި ވުމާއި އެކު، ކުޅުދުއްފުއްޓަކީ އެތައް ސަތޭކަ ބަޔަކު އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކުވެސް އައިސް ގޮސްވާ ރަށެކެވެ.