ވިޔަފާރި

ބީއެމްއެލްގެ އެހީތެރިކަމާއެކު ހޮޅުދޫގައި މަސްކަނޑަން ހާއްސަ ތަނެއް ގާއިމްކޮށްފި


ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ނ. ހޮޅުދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ތަރައްގީކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ މަހެއްގެ ބައްޓަމަށް ފަރުމާކުރެވިފައިވާ މި ތަނަކީ ފަސޭހަކަމާއެކު މަސްކަނޑަން ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ތަނެއްކަމަށެވެ/ އަދި ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް މިތަން ބޭނުންކުރެވޭނެހެން އަލިކޮށް އެއްފަހަރާ 8 މީހުންނަށް މަސްކަނޑަން ތިބެވޭއިރު، ސާފު ރީތިފެން ލިބޭނެހެން އިސްކުރު ހަރުކޮށް މަސްކަނޑަން ޖާގަ އޮންނާނެހެން އަދި ތަކެތި ރައްކާ ކުރުވޭނެ ގުދަނެއްވެސް މިތަނުގައި ހުންނާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ހޮޅުދޫގެ މަސްވެރިންނަށާއި ރައްޔިތުންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ޤާއިމްކުރި ތަނުގެ ސަބަބުން ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަވެގެންދާނެކަމަށެވެ.

" މިއީ ކޮމިއުނިޓީ ފަންޑަށް ހުށަހެޅިގެން ދިޔަ ވަރަށް ތަފާތު ހުށަހެޅުމެއް. ހޮޅުދޫގެ މަސްވެރިންނަށާއި ރައްޔިތުންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހުށަހެޅުނު މި ޕްރޮޕޯސަލްގެ ދަށުން ގާއިމްކުރެވުނު މި ތަނުގެ ސަބަބުން މި ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަވެގެންދާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން. ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު ރާއްޖޭގެ އެކި ރަށްރަށުގައި ހިންގޭ ޕްރޮޖެކްޓް ތަކުގެ ސަބަބުން ރަށުގެ ތަރައްގީއަށާއި ރަށްޔިތުންނަށް ހެޔޮ ބަދަލުތަކެއް އަންނަކަމީ އަޅުގަނޑުމެން އުފަލާއެކު ފާހަގަކޮށް ބަލައިގަންނަ ކަމެއް. މި ފުރުސަތުގައި މި މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން." ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓް އެރަށުގައި ކުރިއަށްގެންދިޔަ އެމް.ސީ.އެފް ޖަމިއްޔާގެ މޫސާ ޝިމާއު ވިދާޅުވީ ފާއިތުވި އަހަރު ތަކުގައި ހޮޅުދޫގެ ރައްޔިތުން މަސްކެނޑުމަށް ބޭނުންކުރަމުންދަނީ ބަނދަރު މަތީގައި ހުންނަ ބާ މޭޒެއްކަމަށެވެ. އަދި މި ޕްރޮޖެކްޓް ހަގީގަތަކަށް ވުމަކީ މި ރަށަށާއި ޖަމިއްޔާއަށް ލިބުނު ކުރިއެރުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ގިނަ ދަތިތަކާ ކުރިމަތީވޭ މަސްވެރިންނަށް މިކަމުގެ ސަބަބުން. މިކަމަށް ހައްލެއް ހޯދުމަށް އައި ހިޔާލާއެކު މި ޕްެރޮޖެކްޓް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހޮވި މިކަން ހަގީގަތަކަށް ވުމީ މި ރަށަށާއި ޖަމިއްޔާއަށް ލިބުން ކުރިއެރުމެއް. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލެވުމަކީ އަޅުގަނޑުމެން ވަރަށް އުފާ ކުރާކަމެއް. މިއަދަކީ މިރަށުގެ ރައްޔިތުންނަށް ވަރަށް ހާއްސަ ދުވަހެއް."

މިއަހަރުގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ވަނީ ބަހާލެވިފައެވެ. ފުރަތަމަ ދެ ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ފިޔަވެއްސެއްގައިވެސް އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ވަނީ ހޮވިފައެވެ. އަދި ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވިގެންދާނެއެވެ. ބޭންކުން މިހާރު ދަނީ ކައިރި މުސްތަގްބަލެއްގައި ތިންވަނަ ފިޔަވަހީގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް މަސައްކަތްކުރަމުންނެވެ.