ދުނިޔެ

އދ. ވުޖޫދަށް އައިތާ 75 އަހަރު، ޤާބިލުކަމާއި މެދު އެތައް ސުވާލެއް


އޮކްޓޯބަރު 24، 2020އަކީ އދ. ރަސްމީކޮށް ވުޖޫދަށް އައިތާ 75 އަހަރު ފުރޭ ދުވަހެވެ.
އދ. ޤާއިމްކޮށްފައިވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެފަދަ ޙާލަތެއް ދެވަނަ ފަހަރަށް މެދުވެރިވިޔަ ނުދިނުމަށް ޤައުމުތަކުން އެކުގައި މަސައްކަތްކުރަން ފެށުނު ހިސާބުންނެވެ. އދ އުފެއްދީ ސުލްހަވެރިކަން ދެމެހެއްޓުމަށް އޭރު މަސައްކަތްކުރި ޖަމުޢިއްޔާ، ލީގް އޮފް ނޭޝަންސް ފޭލިވުމުން އޭގެ ބަދަލުގައެވެ.

1945ވަނަ އަހަރުގެ ޖޫން މަހުގެ 26ވަނަ ދުވަހުގައި 50 ޤައުމެއްގެ މަންދޫބުންވަނީ އެމެރިކާގެ ސަން ފްރެންސިސްކޯގައި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން އިންޓާނޭޝަނަލް އޯގަނައިޒޭޝަނުގައި ބައިވެރިވެފައެވެ. އެ ބައްދަލުވުމުގައި އޭގެ ކުރީ އަހަރުގެ އޮގަސްޓު މަހާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި ޗައިނާއާއި އޭރުގެ ރޫސީވިލާތާއި އިނގިރޭސިވިލާތާއި އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުންތަކެއްގެ މައްޗަށް ބިނާކޮށް އދ.ގެ ޤަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމާއި މެދުވަނީ މަޝްވަރާކޮށްފައެވެ. އެ ޗާޓަރަށް ޢަމަލުކުރަން ފެށީ 1945ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24ވަނަ ދުވަހުގައެވެ.

މިހާރެކޭ އެއްގޮތަށް އަދި ބެލެވޭ ބެލުމަށް ކުރިމަގެކޭ އެއްގޮތަށް އދ.ގެ މަޒީގައިވެސް ވަނީ އުނދަގޫތަކާއި ކުރިމަތިލާފައެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރު ދޭދޭ ޤައުމުތަކުގެ މެދުގައި އޮތް ވާދަވެރިކަމުގެ ސަބަބުން އދ.ގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅުނެވެ. އެމެރިކާއާއި ކުރީގެ ރޫސީވިލާތާއި ޗައިނާއިން ދިޔައީ ހުށަހެޅުމަކަށްފަހު ހުށަހެޅުމެއް ވީޓޯ ކުރާނެކަމުގެ އިންޒާރު ދެމުންނެވެ. ހަޤީޤަތުގައިވެސް ހުށަހެޅުންތަކަށް ހުރަސް އަޅަމުންނެވެ.

ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ކުރީގެ ޔޫގޮސްލޭވިއާގެ މައްސަލައަށް ޙައްލެއް ހޯދުމުގައި ނާކާމިޔާބުވުމުން އދ. ގެ ނަމަށްވަނީ ވަރަށް ބޮޑަށް ހުތުރުވެފައެވެ. އަމާންކަމާއި ސުލްހަމަލަސްކަން ދެމެހެއްޓުމާއި އިންސާނީ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި އެ ޖަމުޢިއްޔާގެ ޤާބިލުކަމާމެދުވަނީ އެތައް ސުވާލު އުފެދިފައެވެ.

އދ. ޤާއިމުވިތާ 75 އަހަރު ފަހުން އެ ޖަމިއްޔާއިން މިހާރު ދަނީ މުޅި ދުނިޔެއާއެކު ނުރައްކާތެރި ކޯވިޑް-19 ބަލިމަޑުކަމާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. މިހާރު 193 ޤައުމުގެ މައްޗަށް އެކުލެވޭ އދ.އަށް ނިސްބަތްވާ ޤައުމުތަކުން ކޯވިޑުން ސަލާމަތްވުމަށް އެކުގައި މަސައްކަތްކުރުމުގެ ރޫޙާއި އޭގެ އެދެވޭ ނަތީޖާ ދެއްކުމުގައިދަނީ ހުރަސްތަކާ ކުރިމަތިވަމުންނެވެ.

މި އަހަރުގެ ކުރީ ކޮޅުގައި ކޯވިޑް-19 ދުނިޔޭގައި ފެތުރެން ފެށުނު ހިސާބުން އެތައް މިލިއަން މީހުންވަނީ ސަލާމަތާއި ރައްކާތެރިކަން ހޯދުމަށް ގޭގައި މަޑުކުރަންޖެހި، ޤައުމުތަކުގެ އިޤްތިޞާދުތައް ފުނޑުފުނޑުވެފައެވެ. ގިނަ ޤައުމުތަކުން މަސައްކަތްކުރަމުންދަނީ މުޅި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން އިޚްތިޔާރުކުރުމުގެ ބަދަލުގައި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށެވެ. އެއާއެކު އދ.ގެ ދަޢުރު ފުރިހަމަ ގޮތުގައި ޢަދާކުރުމަށް އެ ޖަމުޢިއްޔާއަށްވަނީ ނުކުޅެދިފައެވެ.

ޒަމާނުއްސުރެ އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދެމުންދިޔަ ރުޅިވެރިކަމާއި ވާދަވެރިކަން އެންމެ ބޮޑަށް އިތުރުވެ ބަނޑުންވެފައި މިވަނީ ކޯވިޑް-19 ބަލިމަޑުކަމުގެ ތެރެއިންނެވެ. ޒަމާނުއްސުރެ ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައި ދެކެމުންދިޔަ އެމެރިކާއަށްވުރެ ބައިނަލްއަޤްވާމީ ދުނިޔޭގައި ޗައިނާގެ ނުފޫޒު އިތުރުކުރުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ވާދަވެރިކަންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އދ.ގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުތޭޚޭޝް ވިދާޅުވީ ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އެންމެ ބަލިކަށި ދާއިރާތައް ދެނެގަނެވިފައިވާކަމަށެވެ. މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލައަކީ މާ ގިނަ ބައިނަލްއަޤްވާމީ މައްސަލަތައް ހުރުމާއި އެ މައްސަލަތަކަށް ޤައުމުތަކުން އެކުގައި ހޯދާ ޙައްލު މަދުވުންކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ އިސްވެރިންވަނީ އދ.އާއި އެ ޖަމުޢިއްޔާގެ ސަލާމަތީ މަޖިލީހުގެ ކަންކަން އިސްލާހުކުރުމަށް ގޮވައިލައިފައެވެ. ސަލާމަތީ މަޖިލީހުގެ ދާޢިމީ މެންބަރުންގެ ގޮތުގައި އޮވެ މައްސަލަތައް ވީޓޯކުރުމުގެ ބާރު އެމެރިކާ، ރަޝިޔާ، ޗައިނާ، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތަށް ލިބިފައި އޮންނަ އޮތުމަކީ އެހެން ޤައުމުތަކަށް އިންސާފުވެރި ގޮތެއް ނޫންކަމަށް އެ ފަރާތްތަކުންދަނީ ބުނަމުންނެވެ.

1945ވަނަ އަހަރުގައި އދ. ވުޖޫދަށް އައި ފަހުން ބޮޑު ހަނގުރާމައެއް ހިނގާފައިނުވިނަމަވެސް ދުނިޔޭގެ ޤައުމުތަކުގެ އިސްވެރިންވަނީ އދ.ގެ މަސައްކަތުގައި ހިތްހަމަނުޖެހޭ ކަންތައްތަކެއް ދިމާވެފައިވާ ކަމަށް ބުނެ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 21ވަނަ ދުވަހު ބަޔާނެއް ނެރެފައެވެ.