ދުނިޔެ

ރައީސްގެ ބާރުތައް އިތުރުކުރުމަށް ލަންކާ މަޖިލީހުން ފާސްކޮށްފި


ރައީސަށް އިތުރު ބާރުތައް ލިބޭގޮތަށް ސްރީލަންކާގެ ޤާނޫނަށް ބަދަލު ގެނައުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ދެ ދުވަހަށް ދެމިގެންދިޔަ ބަހުޘަކަށްފަހު ރައީސް ގޮތަބަޔަ ރާޖަޕަކްސައަށް ލިބިދޭ ބާރުތައް އިތުރުކުރުމަށް ފާސްކޮށްފައިވަނީ ޤާނޫނު ހަދާ މަޖިލީހުގެ ތިންބައި ކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ. އަލަށް ގެނައި ބަދަލުތަކުގެ ސަބަބުން ފަނޑިރާރުން އައްޔަނުކުރުމާއި ފުލުހުންގެ އިސްވެރިޔާ އައްޔަނުކުރުމަށް ޤާނޫނު ހަދާ މަޖިލީހަށް އޮތް ބާރުވަނީ ރައީސްގެ ބާރެއްގެ ގޮތަށް ބަދަލުކޮށްފައެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ ފަސް އަހަރުގެ ދަޢުރުގެ މެދާހަމައަށް ދިޔުމުން ރައީސް ބޭނުންފުޅުވެއްޖެ ހިނދެއްގައި މަޖިލީސް އުވާލުމުގެ ބާރު ރައީސަށް ލިބިދެއެވެ.

ސްރީ ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސައަކީ ކުރީގެ ދިފާޢީ ވުޒާރާގެ އިސްވެރިޔާއެވެ. ސްރީ ލަންކާގެ ރައީސްގެ މަޤާމަށް އެމަނިކުފާނު އިސްވެވަޑައިގަތީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މިދިޔަ އޯގަސްޓު މަހުގައި ބޭއްވި ސްރީލަންކާގެ އާންމު އިންތިޚާބުވެސް ބޮޑު ތަފާތަކާއެކު ކާމިޔާބުކޮށްފައިވަނީ އެމަނިކުފާނުގެ ޕާޓީއާއި ވާގިވެރިންނެވެ.

ބޮޑު ވަޒީރުގެ މަޤާމަށް ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މަހިންދާ ރާޖަޕަންސަ ހޮވުމުން 2015ވަނަ އަހަރު ޤާނޫނަށް ގެނައި ބަދަލުތަކާއެކު ޤާނުނު ހަދާ މަޖިލީހަށް ލިބިދިން ބާރުތައް އަލުން ނަންގަވާ ރައީސަށް ލިބިދޭ ބާރުތައް ފުޅާކުރައްވާނެކަމަށް ރައީސް ރާޖަޕަކްސަވަނީ ވިދާޅުވެފައވެ. ޤައުމުގެ ހިންގުން އިތުރަށް ފުރިހަމަވާނީ އޭރުންކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

ޤާނޫނަށް ގެނައި ބަދަލުތަކާމެދު އިދިކޮޅު މަޖިލީސް މެންބަރުންވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ޤައުމުގެ ޑިމޮކްރަސީގެ އުސޫލުތަކަށް އައު ބަދަލުގެ ސަބަބުން ބުރޫ އަރާކަމަށް އިދިކޮޅު ފަރާތްތަކުންދަނީ ބުނަމުންނެވެ. ރައީސަށް އިތުރު ބާރުތައް ދިނުމަކީ ވަރަށް ނުރައްކާތެރިކަމެއްކަމަށާއި ރާޖަޕަކްސަ ޢާއިލާގެ ނުފޫޒު ޤައުމުގައި އިތުރުވާނެކަމަށް އެ ފަރާތްތަކުންދަނީ ބުނަމުންނެވެ.