ޚަބަރު

ރިޔާސީ ބަހުޘްގެ ފަހު ބުރު އެމެރިކާގައި ބާއްވައިފި


އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ބާއްވާ އެންމެ ފަހު ރިޔާސީ ބަހުޘް އެމެރިކާގެ ޓެނެސީގައި ބާއްވައިފިއެވެ.

ރިޔާސީ ބަހުޘްގެ ފުރަތަމަ ބުރާއި ޚިލާފަށް އެންމެ ފަހުގެ ބަހުޘްގައި ރައީސްކަމުގެ އިތުރު ދައުރަކަށް ވާދަކުރައްވާ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަންޕާއި އިދިކޮޅު ކެންޑިޑޭޓު އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންވަނީ ގިނަ މައްސަލަތަކަކާ ގުޅޭގޮތުން ވާހަކަދައްކަވާ ބަހުޘްކުރައްވާފައެވެ. ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބާއްވާ އިންތިޚާބު ފެށުމަށް 12 ދުވަހަށް ވެފައިވަނިކޮށް ކުރި ބަހުޘްގައި މައްސަލަތަކާ ގުޅޭގޮތުން ދެ ބޭފުޅުންގެ ވިސްނުމުގައި ހުރި ތަފާތުތައްވަނީ ހާމަވެގެން ގޮސްފައެވެ.

ރިޔާސީ ބަހުޘްގެ ފުރަތަމަ ބުރުގައި ދެ ބޭފުޅުންވެސްވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބޭއަދަބީ ބަސްކޮށާރު ބޭނުންކޮށް މުހާތަބުކުރައްވާ ވާހަކަދައްކަވާ ޒާތީ މައްސަލަތައް ނަގައި ބަހުގެ ގިނަ ޙަމަލާތަކެއް ދެއްވާފައެވެ. ރައީސް ޓްރަންޕުވަނީ ބައިޑަނާއި ބަހުޘްގެ މޮޑަރޭޓަރަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ނުދެއްވާ އެކަމަށް ތަކުރާރުކޮށް ހުރަސްއަޅުއްވާފައެވެ.
އެއާ ޚިލާފަށް އޮކްޓޯބަރު މަހުގެ 23ވަނަ ދުވަހު ބޭއްވި ބަހުޘްގައި ޓްރަންޕުވަނީ ކުރީގެ ބަހުޘުގައި ވާހަކަދެއްކެވި ގޮތަށްވުރެ މަޑުމައިތިރިކޮށް ވާހަކަދައްކަވާފައެވެ. އެއްބޭފުޅަކު ވާހަކަ ދައްކަވާ ވަގުތު ވަހަކައަށް ހުރަސް ނޭޅޭގޮތަށް އަޑުކަނޑާލެވޭފަދަ މިއުޓު ފިތެއް ހުރުމުން ބަހުޘްގެ ކަންކަންކުރިއަށް ދިޔައީ ކުރީ ބަހުޘަށްވުރެ އޮމާންކޮށެވެ. އެހެންކަމުން ޤައުމުގެ އިޤްތިޞާދާއި ނަސްލީ ތަފާތުތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި ޞިއްޙީ ނިޒާމާއި އިމިގްރޭޝަނާއި ގުޅޭގޮތުން ދެބޭފުޅުންވެސްވަނީ ގިނަ ވާޙހަކަތަކެއް ދައްކަވާފައެވެ. އޭގެ އިތުރުން ކޯވިޑް-19ގެ ސަބަބުން އެމެރިކާއަށް ދިމާވެފައިވާ ޙާލަތާގުޅޭގޮތުންވެސް ވަނީ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ.

ޓީވީ މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކި ޙަރަކާތުގައި ވާހަކަދައްކަވަމުން ބައިޑަންވަނީ ކޯވިޑް-19ގެ ސަބަބުން އެމެރިކާގެ 221،000އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ފާހަގަކުރައްވާ، އެހާ ގިނަ ޢަދަދެއްގެ މަރަށް ޒިންމާވާންޖެހޭ ފަރާތަކުން ޤައުމުގެ ރައީސްގެ ގޮތުގައި ދެމިހުރެގެން ނުވާނެކަމަށް ވިދާޅުވެފައެވެ. ކޯވިޑް-19އާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އިޤްތިޞާދު ރައްކާތެރިކުރުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވަމުންދާ ރައީސް ޓްރަންޕު ވިދާޅުވީ ބަލިމަޑުކަމާ ދެކޮޅަށް އޭނާ ޢަމަލުކުރައްވަމުންދާ ސިޔާސަތުތައް ރަނގަޅުކަމަށާއި ބަލި ފެތުރޭ މިންވަރު އިތުރުވި ނަމަވެސް ޤައުމުގެ ވިޔަފާރިތައް ބަންދުކުރެވެން ނެތްކަމަށް ވިދާޅުވެފައެވެ. ރައީސް ޓްރަންޕުވަނީ އެމެރިކާއިން ކޯވިޑް-19 'ފިލަމުން'ދާކަމަށްވެސް ވިދާޅުވެފައެވެ. އެމަނިކުފާނު އެހެން ވިދާޅުވިއިރު މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތް އެމެރިކާގެ ގިނަ ޢަދަދެއްގެ ސްޓޭޓުތަކެއްގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރެކޯޑު ޢަދަދެއްގެ މީހުންނަށްވަނީ ބަލިޖެހިފައެވެ.

ނަސްލީ ތަފާތުކުރުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބައިޑަންވަނީ ރައީސް ޓްރަންޕަކީ އެމެރިކާއިން މިހާތަނަށް ދުށް ނަސްލީ ތަފާތުކުރުން އެންމެ ބޮޑު ރައީސްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެފަދަ ހުރިހާ މައްސަލަތަކުގެ ހުޅުގަނޑު އިތުރަށް ބޮޑުކުރައްވަނީ ރައީސް ޓްރަންޕުކަމަށް ބައިޑަން ވިދާޅުވިއެވެ. ބައިޑަންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޓްރަންޕު ވިދާޅުވީ އެފުރިކާ-އެމެރިކާ ނަސްލުގެ މީހުންގެ ހައްޤުތައް ހޯދައިދިނުމަށް އެންމެ ގިނަ މަސައްކަތްތައް ކުރައްވާފައިވަނީ އެމަނިކުފާނުކަމަށާއި 1994ވަނަ އަހަރު ބައިޑަންގެ ބެލުމުގެ ދަށުން ފަރުމާކޮށްފައިވާ ބިލެއްގެ ސަބަބުން މީސްމަދު ނަސްލުތަކުގެ ގިނަ ޢަދަދެއްގެ މީހުން ޖަލަށްލުމަށް މަގުފަހިވިކަމަށެވެ.

އޭގެ އިތުރުންވެސް ބޭރު ޤައުމުތަކާއެކު ދެ ބޭފުޅުން ބާއްވާ ގުޅުންތަކާމެދުވެސްވަނީ ބަހުޘްކުރައްވާފައެވެ. ޓްރަންޕުވަނީ ބައިޑަނާއި އޭނާގެ ދަރިކަލުން ހަންޓާ ޗައިނާއާއި ޔުކްރެއިނުގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރައްވާފައިވާކަމަށް ކުރައްވާ ތުހުމަތުތައް ތަކުރާރުކުރައްވާފައެވެ. ނަމަވެސް އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ދެއްވާފައެއް ނުވެއެވެ. ބައިޑަން ވިދާޅުވީ ޓްރަންޕު ދައްކަވަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއްނެތް ތުހުމަތުތަކެއްކަމަށެވެ.

ބައިޑަންވަނީ ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާއަށް ޓްރަންޕު މަކަރު ހައްދަވާފައިވާކަމަށް ތުހުމަތުކުރައްވާފައެވެ. ފާއިތުވި 20 އަހަރުގެ ތެރޭގައި ޓެކްސްގެ ގޮތުގައި ޓްރަންޕު ދައްކަވާފައިވަނީ ވަރަށް ކުޑަ ޢަދަދެއްކަމަށް ބުނާ ނިއުޔޯކު ޓައިމްސް ނޫހުގެ ލިޔުމަކަށް އޭނާ އަލިއަޅުވާލެއްވިއެވެ. ބައިޑަން ވިދާޅުވީ ކޮރަޕްޝަނާބެހޭ ގޮތުން ވާހަކަދެއްކެވުމުގެ ކުރިން ޓްރަންޕުގެ ޓެކްސް ބަޔާންތައް އާންމުކުރައްވަން ޖެހޭކަމަށެވެ. ނަމަވެސް ޓްރަންޕު ވިދާޅުވީ އޮޑިޓެއް ކުރުމަށްފަހުގައި ނޫނީ ބަޔާންތައް ޢާންމު ނުކުރައްވާނެކަމަށެވެ.

ބަހުޘްގައި އެމެރިކާގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ނިޒާމާއި ގުޅޭގޮތުންވެސް ގިނަ ވާހަކަތަކެއްވަނީ ދައްކަވާފައެވެ. 2010ވަނަ އަހަރު ތަޢާރަފުކޮށްފައިވާ 'އެފޯޑަބަލް ކެއާ އެކްޓު' އުވާލައްވަން ޓްރަންޕު ކުރައްވަމުންދާ މަސައްކަތަށް އިޝާރާތްކުރައްވާ ބައިޑަން ވިދާޅުވީ ޤައުމުގެ ރައްޔިތުންނަށް ހެޔޮ އަގުގައި ޞިއްޙީ ޚިދުމަތްތައް ލިބެންޖެހޭނެކަމަށެވެ. ނަމަވެސް ޓްރަންޕު ވިދާޅުވަމުންދަނީ މިހާރުގެ ނިޒާމަށްވުރެ ފުރިހަމަ ނިޒާމެއް އެމަނިކުފާނު ޤާއިމްކުރައްވާނެކަމަށެވެ.