ޚަބަރު

ގްރީން ޒޯން ނޫން ތަންތަނަށް އެއްވެވޭނެ، ފުލުހުންގެ ހުއްދަ ބޭނުންވޭ


މާލޭގެ ގްރީން ޒޯން ހިމެނޭ ސަރަހައްދުތައް ފިޔަވައި ހުރިހާ ތަނަކަށްވެސް އެއްވެވޭގޮތަށް ގެނައި ބަދަލާއިއެކުވެސް އެއްވެވޭނީ، ފުލުހުންނަށް ދުރާލައި އަންގައި ހުއްދަ ހޯދައިގެންކަމަށް އެއްވެއުޅުމާގުޅޭ ބިލް މަޖިލީހުން ދިސާރާކުރެއްވި ކޮމިޓީގެ މުޤައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެއްވެ އުޅުމުގެ ޤާނޫނު ކުރިންވެސް އޮތްގޮތަށް މާލޭގެ ގްރީން ޒޯން ފިޔަވައި އެހެންތަންނަށް އެއްވެވޭގޮތަށް ޤާނޫނަށް ގެނައި ބަދަލާ ގުޅިގެން ޝަރީފް ވިދާޅުވީ މިބަދަލާއިއެކު ކުރިންވެސް އޮތްގޮތަށް ތަންތަނަށް އެއްވާނަމަ ފުލުހުންގެ ހުއްދަ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނަގަންޖެހޭނެކަމަށެވެ. އެއްވެ އުޅުމުގެ ގާނޫނުގެ 24ވަނަ މާއްދާގެ ޅ.އުވާލަން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ހުށަހެޅުއްވި ހުށަހެޅުން ފާސްކުރީ ކޮމިޓީގެ އިއްތިފާގުންނެވެ.

ފުލުހުން ލިޔުމުން ދޭ ހުއްދަ ފިޔަވައި މާލޭގައި އެއްވުންތައް ބޭއްވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ކަނޑައަޅާފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެއްވެއުޅުމާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ދަށުންނެވެ. މިއީ އޭރު ޕީޕީއެމްގެ މަޖިލިސް މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އިސްލާހެކެވެ. އެ އިސްލާހު ފާސްވީ ޔާމީން ސަރުކާރަށް ތާއީދު ކުރި މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.

ޝަރީފް ވިދާޅުވީ މިހާރު ކޮމިޓީން މިގެނައި ބަދަލަކީ މާލޭގެ ވަކި ސަރަހައްދަކަށް އެއްވެވޭގޮތަށް ޤާނޫނުގައި އޮތް އޮތުން ނިނުމަކަށް ގެނެސް ޤާނޫނު އަސާސީން ކަށަވަރުކުރާ އެއްވުމުގެ ހައްގު ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދިނުންކަމަށެވެ. އަދި މިބަދަލާއިއެކު އެއްވާނަމަ ކުރިންވެސް އޮންނަ ގޮތަށް އެއްވާން ބޭނުންވާ ފަރާތްތަކުން ފުލުހުންނަށް ހުށަހަޅައިގެން ހުއްދަ ނަގައިގެން އެއްވެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮމިޓީންވަނީ ރިސޯޓުތަކުގައި މުޒާހަރާ ކުރެވޭނެ ގޮތަށް އަލުން ޤާނޫނަށް އިސްލާހު ގެންނަން ކޮމިޓީން ފާސްކޮށްފައެވެ. މުވައްޒަފުން އުޅުމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަހައްދުގައި ސުލްހަވެރިކަމާއެކު އިހުތިޖާޖުކޮށް، މުވައްޒަފުންގެ ޝުޢޫރު ފާޅުކުރެވޭނެ ގޮތަށް ކޮމިޓީ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އެއްވެއުޅުމުގެ ޤާނޫނަށް މިގެނައި އިސްލާހުތަކާއެކު މަޖިލީހުން މިބިލް މިހަފްތާގައި އެޖެންޑާކޮށް ފާސްކުރެވޭކަމަށް ބެލެވެއެވެ.