ކުޅިވަރު

ލެސްކްއާއި ވާދަކޮށް ޓޮޓެންހަމްއިން މޮޅަކުން މުބާރާތް ފަށައިފި


ޔޫރޮޕާ ލީގުގައި ރޭ އޮސްޓްރިޔާގެ ލެސްކްއާއި ވާދަކޮށް އިނގިރޭސި ކުލަބް ޓޮޓެންހަމްއިން މޮޅަކުން މުބާރާތް ފަށައިފިއެވެ.

މިމެޗް ޓޮޓެންހަމްއިން ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ. ލަންޑަނުގައި ކުޅުނު މިމެޗްގެ ދެ ލަނޑު ފެނިގެން ދިޔައީ މެޗްގެ ފުރަތަމަ ހާފްގައެވެ. ރޭގައި ޓޮޓެންހަމް ޖާޒީގައި އަލަށް ކުޅުނު ބްރެޒިލްގެ ކާލޯސް ވިނިޝިޔަސް ދިން ބޯޅައަކުން ލޫކަސް މޯރާ އެޓީމަށް ފުރަތަމަ ލަނޑު ކާމިޔާބުކޮއްދިން އިރު ދެވަނަ ލަނޑަކީ ލަސެކްގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗުގެ ޓޮޓެންހަމުން ޖެހި ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ދެކުނު ކޮރެޔާގެ ސޮންއެވެ.

ޔޫރަޕާ ލީގުގައި އެންމެފަހުން އަމިއްލަ ދަނޑުގައި ކުޅުނު 12 މެޗުގެ ތެރެއިން ޓޮޓެންހަމުން ވަނީ 11 މެޗް ކާމިޔާބުކޮށްފައެވެ. ޓޮޓެންހަމުން ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު ހުރިހާ މުބާރާތެއްގައި 31 ލަނޑު ކާމިޔާބުކޮށްފައެވެ. ޔޫރަޕާ ލީގުގައި އެންމެފަހުން ކުޅުނު އަށްމެޗުން ވެސް ލެސްކް ވަނީ ބަލިވެފައެވެ. މުބާރާތުގައި އެންމެ ފަހުން އިނގިރޭސީ ކުލަބަތަކާ ދެކޮޅަށް ނުކުތް 18 ފަހަރު ވެސް ލެސްކް ވަނީ ބަލިވެފައެވެ.

މި ގުރޫޕްގައި ރޭ ލުޑްގުރަޓަސް އާއި ބެލްޖިއަމްގެ ރޯޔަލް އެންޓްވާޕް އެފްސީ ވާދަކުރި މެޗު 2 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ރޯޔަލް އެންޓްވާޕް އިންނެވެ.