ދުނިޔެ

ލުބުނާނުގެ އައު ބޮޑުވަޒީރަކަށް ކުރީގެ ބޮޑުވަޒީރު ޙަރީރީ


ލުބުނާނުގެ އައު ބޮޑުވަޒީރުކަމަށް އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ސާދު އަލްޙަރީރީގެ ނަން އިޢުލާނުކޮށްފިއެވެ. މިއީ ލުބުނާނުގެ ބޮޑުވަޒީރުކަމާ އޭނާ ޙަވާލުވެވަޑައިގަންނަވާ ހަތަރުވަނަ ފަހަރެވެ.

ލުބުނާނުގެ ވެރިކަމުގެ ނިޒާމު އޮންނަ ގޮތުން އެ ޤައުމުގެ ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަނުކުރަންޖެހޭނީ ސުންނީ މުސްލިމެކެވެ. ބޮޑުވަޒީރުކަމަށް ޝަރުތު ފުރިހަމަވާ އުމުރުން 50 އަހަރުގެ ޙަރީރީވަނީ ތިން ފަހަރުގެ މަތިން ލުބުނާނުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. މީގެ އަހަރެއްހާ ދުވަސްކުރިން އެންމެ ފަހުން ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި އިރު އޭނާވަނީ އާއްމުން މުޒާހަރާކުރުމުން މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.

ބޮޑުވަޒީރުގެ މަޤާމަށް އަލުން ޙަރީރީ އައްޔަނުކުރުމަށް ލުބުނާނުގެ ޤާނޫނު ހަދާ މަޖިލީހުގެ 65 މެންބަރުންގެ ވޯޓުވަނީ ލިބިވަޑައިގެންފައެވެ. އޭނާއަށް ތާޢީދުކުރި ޕާޓީތަކުގެ ތެރޭގައި އޭނާގެ އަމިއްލަ ޕާޓީ، ފިއުޗާ މޫވްމަންޓާއި، ޝީޢީ ޢާމަލް މޫވްމަންޓާއި ދުރޫސް ޕްރޮގުރެސިވް ސޯޝަލިސްޓު ޕާޓީގެ އިތުރުން ސީރިއަން ސޯޝަލިސްޓު ނޭޝަނަލިސްޓު ޕާޓީ ހިމެނެއެވެ.

އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ޙަރީރީއާ ޙަވާލުކުރުމާ ދެކޮޅަށް 53 މެންބަރުން ވޯޓު ދެއްވައިފައެވެ. އޭނާ އާއި ދެކޮޅަށް ވޯޓުދިން ޕާޓީތަކުގެ ތެރޭގައި ލެބަނީސް ޕޯސަސްއާއި ފްރީ ޕެޓްރިއޮޓިކް މޫވްމަންޓް ހިމެނެއެވެ. އެ ދެ ޕާޓީއަކީވެސް މީގެ ކުރިން ޙަރީރީއާއެކު އިއްތިޙާދު ހަދާފައިވާ ދެ ޕާޓީއެވެ. އޭގެ އިތުރުން ހިޒްބުﷲއިންވެސް ޙަރީރީ އައްޔަނު ކުރަން ނުފެންނަަކަމަށް ވޯޓުދީފައެވެ.

މަޤާމަށް އައްޔަނުކުރުމާ ގުޅިގެން ޤައުމާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ޙަރީރީ ވިދާޅުވީ ވަކި ކޮޅަކަށް ބުރަނުވާ މާހިރުން ހިމަނައިގެން ޤައުމަށް އިޤްތިޞާދީ އަދި ސިޔާސީ އިސްލާހުތައް ގެނައުމަށް މަސައްކަތްކުރައްވާނެކަމަށެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ޤައުމަށް ޒިޔާރަތްކުރައްވާފައިވާ ފަރަންސޭސިވިލާތުގެ ރައީސް، އެމަނުއަލް މެޚްރޮން ހުށަހަޅުއްވާފައިވާ ގޮތާ އެއްގޮތަށް ބަދަލުތައް ގެންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން މިދިޔަ އޮގަސްޓު މަހުގެ 4ވަނަ ދުވަހު ލުބުނާނުގެ ބައިރޫތުގައި ހިންގި ނުރައްކާތެރި ބޮޑު ގޮވުންތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަނެ ބައިރޫތު އަލުން އާރާސްތުކުރުމުގެ މަސައްކަތްކުރައްވާނެކަމަށްވެސް އޭނާ ވަޢުދުވެވަޑައިގަތެވެ.

ރައްކާތެރިކޮށް ގުދަންކޮށްފައި ނެތުމުގެ ސަބަބުން ބައިރޫތުގެ ބަނދަރު ކައިރީ ސަރަޙައްދެއްގައި 2،750 ޓަނުގެ އެމޮނިއަމް ނައިޓްރޭޓުވަނީ ގޮވައިފައެވެ. އެ ހާދިޘާގައި 200އަށްވުރެ ގިނަ މީހުން މަރުވެ 6،500 މީހުންވަނީ ޒަޚާމްވެފައެވެ. އެ ނުރައްކާތެރި ހާދިޘާގެ ސަބަބުން މުޅި ސިޓީއޮތީ ބިމާހަމަވެފައެވެ. އެ ހާދިޘާގެ ސަބަބުން ލުބުނާނަށް ލިބިފައިވާ ގެއްލުމުގެ ޢަދަދު އަށް ބިލިއަން އެމެރިކާ ޑޮލަރާ ކައިރިކުރެއެވެ.

ބޮޑު ގޮވުންތައް ގޮވުމުގެ ސަބަބުން ސަރުކާރަށް ފާޑުކިޔައި މުޒާހަރާކުރުމުން އޭރު އޮތް ސަރުކާރުންވަނީ އިސްތިޢުފާ ދީފައެވެ. އޭރު ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވީ ޙަސަން ދިއާބެވެ. އައު ސަރުކާރެއް އެލުލަވާލުމަށް އޭގެ ފަހުން މަސައްކަތްކޮށްފައިވަނީ ޚަރިޖީ ދާއިރާގައި ފުންނާބު އުސް މުސްޠަފާ އަދީބެވެ. ނަމަވެސް އައު ސަރުކާރު އެކުލަވާލުމަށް އޭނާ ކުރެއްވި މަސައްކަތްވެސްވަނީ ކާމިޔާބުނުވެފައެވެ. ބޮޑުވަޒީރުކަން ޙާރީރީއަށް ޙަވާލުކުރުމަށް ވޯޓުދިން މެންބަރުންގެ ޢަދަދު މީގެ ކުރިން ހަސަން ދިއާބަށާއި މުސްޠަފާ އަދީބަށް ރުހުން ދިން މެންބަރުންގެ ޢަދަދަށްވުރެ ދަށެވެ.