ކުޅިވަރު

އީގަލްސް އުޅުނީ ބޯޅަކުޅޭކަށް ނޫން – ސުޒޭން


ޕްރެޒިޑެންޓްކަޕްގައި އީގަލްސް މިއަދު އުޅުނީ ބޯޅަކުޅެން ނޫންކަމަށް ބުނެ، އެޓީމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ވަރަށްބޮޑަށް ފާޑުކިޔައިފިއެވެ. މެޗަށްފަހު ޕީއެސްއެމްއިން ކުރި ސުވާލަކަށް ޖަވާބުދެމުން ސުޒޭން ބުނީ މިއަދު ފެނުނީ ސަޕޯޓަރުންވެސް ފުޓްބޯޅަ ކުޅެން ބޭނުންވާ މީހުންވެސް މާޔޫސްވާފަދަ މަންޒަރެއްކަމަށެވެ. އެއީ ބަލަން ބޭނުންވާ މަންޒަރެއްނޫންކަމަށެވެ." ބޯޅަ ބާއްވަންވީ ތަނެއް ނޭންގެ. ވެއްޓިއްޖިއްޔާ ތެދުވާކަށް ނޭންގެ. ބޯޅަ ކުޅޭކަށް ނޫން އުޅުނީ. ކުޅި ބަލަން ވަދެ ތިބި މީހުންނަށް ރަނގަޅު ފުޓްބޯޅައެއް ނުފެނުނު. ކުޅެން ބޭނުންވާ ބަޔަކަށްވެސް އެފުރުޞަތެއް ނުލިބުނު. " މެޗަށްފަހު ސުޒޭން ބުންޏެވެ.އަދިވެސް އިތުރަށް ވާހަކަ ދައްކަމުން ސުޒޭން ބުނީ މެޗު އެއްވަރުކޮށްލައިގެންވެސް އެއްވަނަ ހޯދުމުގެ ފުރުޞަތު މާޒިޔާއަށްވެސް އޮތްކަމަށާއި، ނަމަވެސް މެޗު ލަސްކުރަން މަސައްކަތް ނުކުރާކަމަށެވެ." މާޒިޔާއަށްވެސް އޮތް ފުރުޞަތު އެއްވަރުކޮށްލައިގެންވެސް ގްރޫޕްގެ އެއްވަނަ ހޯދަން. އެކަމަކު މާޒިޔާއިން ނޫޅެ މެޗު ލަސްކުރާކަށް. ބޯޅަ ކުޅެން އުޅުނީ. އެކަމަކު އެފުރުޞަތެއް ނުލިބުނު. އެއީ މިއަދު ދިމާވި މައްސަލައަކީ. " މެޗުގައި ފުރުޞަތު ނުލިބޭތީ އެކަމާއި ސުވާލުކުރުމުން ސުޒޭން ބުންޏެވެ. މެޗުގައި ދެޓީމްވެސް ލަނޑު ޖެހީ ލިބުނު ޕެނަލްޓީންނެވެ.