ޚަބަރު

ކަރަންޓު ކެނޑުނުތާ 5 ގަޑިއިރަށްފަހު މައްސަލަ ހައްލުކުރެވިއްޖެ


މާލެއިން ކަރަންޓު ކެނޑުނުތާ ފަސްގަޑިއެއްހާއިރަށްފަހު ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދީފިއެވެ.

ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލައަކާއި ގުޅިގެން މާލެއިން ކަރަންޓު ކެނޑިފައިވަނީ މިއަދު ހެނދުނު 08:10 ހާއިރުއެވެ. މި މައްސަލަ ޙައްލުކޮށް މުޅި މާލެއަށް ކަރަންޓު އަލުން ފޯރުކޮށް ދެވުނީ މެންދުރު 13:10 ހާއިރުއެވެ. އަދި މިގަޑިތަކުގައި ދިމާވި ދަތިތަކަށް ސްޓެލްކޯއިންވަނީ ޢާއްމުންގެ ކިބައިން މާފަށްވެސް އެދިފައެވެ.

މާލެއިން ގިނަ އިރުތަކެއްވަންދެން ކަރަންޓު ކެނޑުމާއި ގުޅިގެން ޢާއްމުންނަށްވަނީ ބޮޑެތި ދަތިތަކަކާއި ކުރިމަތިވެފައެވެ. އަދި ޢާއްމުންގެ ގިނަ ޝަކުވާތަކެއްވެސް ވަނީ ސްޓެލްކޯއަށް އަމާޒުވެފައެވެ.

މާލެއިން ކަރަންޓު ކެނޑުމާ ގުޅިގެން އިންޓަރނެޓްގެ ޚިދުމަތާއި މޯބައިލް ނެޓްވޯކަށްވެސް ބުރޫއަރާފައިވެއެވެ. އަދި ޕީއެސްއެމްގެ ޓީވީއާއި ރޭޑިއޯ ޗެނަލްތަކުގެ ޚިދުމަތްވެސް މެދުކެނޑުނެވެ.