ޚަބަރު

ކޮޕީ ރައިޓްސް ޤާނޫނަށް ގެންނަން ފެންނަ އިސްލާޙުތައް ހިއްސާކޮށްދިނުމަށް އެދިއްޖެ


ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ކޮޕީ ރައިޓްސް ޤާނޫނަށް ގެންނަން ފެންނަ އިސްލާޙުތައް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާއި ހިއްސާކޮށްދެއްވުމަށް އެ މިނިސްޓްރީން އެދިއްޖެއެވެ.

"އަންވެއިލިންގ ވިޝަން 2020"ގެ ނަމުގައި ބޭއްވި އާޓް އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އާޓްސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤު ވިދާޅުވީ، ރާއްޖޭގެ ފަންނުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ، އެމީހުންގެ އުފެއްދުންތަކުގެ ނާޖާއިޒް ފައިދާ އެހެން މީހުން ނެގުން ނުވަތަ ކޮޕީ ރައިޓްސްގެ މައްސަލަކަމަށެވެ. އަދި ރާއްޖޭގައި 2010 ވަނަ އަހަރުން ފެށިގެން ކޮޕީ ރައިޓްސް ޤާނޫނެއް ވުޖޫދުވެފައިއޮތްނަމަވެސް، އެ ޤާނޫނު އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒުވަމުން ނުދާކަމަށް ޠާރިޤު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ޠާރިޤު ވިދާޅުވީ، ފަންނާނުންނަށް އެމީހުންގެ އުފެއްދުންތައް އިޝްތިޙާރުކޮށް، ކުރިއަށްދެވޭނެ ރޮނގުތައް ފަހިކުރުމަށް ކުރާ މަސައްކަތްތަކާ އެއްވަރަށް، އެފަރާތްތަކަށް ޤާނޫނީގޮތުން ބޭނުންވާ ރައްކާތެރިކަން ހޯދައިދިނުމަށްވެސް މިނިސްޓްރީން މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން މިހާރު ޢަމަލުކުރަމުންދާ ކޮޕީ ރައިޓްސް ޤާނޫނަށް ގެންނަން ބޭނުންވާ އެއްވެސް އިސްލާޙެއްވާނަމަ، އެކަން ލަސްނުކުރައްވާ ހިއްސާކުރެއްވުމަށް ޠާރިޤުވަނީ އެދިވަޑައިގެންފައެވެ. އަދި ފަންނުވެރިންގެ ފަރާތުން ލިބޭ އިސްލާޙުތަކަށް ބެލުމަށްފަހު، އެކަންކަން އެޓަރނީ ޖެނެރަލްގެ އޮފީހާއި ޙިއްސާކޮށް، އެ ޤާނޫނަށް ބަދަލުގެނައުމުގެ މަސައްކަތް ކުރައްވާނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ފަންނާނުންނާއި އާޓިސްޓުންނަށް މި ގޮވާލަނީ ކޮޕީ ރައިޓްސް ޤާނޫނަށް ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާ އިސްލާޙުތައް ގެނައުމަށްޓަކާ ތިބޭފުޅުންގެ ޚިޔާލު މިނިސްޓްރީއާއި ހިއްސާކޮށްދެއްވާށޭ. އޭރުން މިނިސްޓްރީގެ ފަރާތުން ތިބޭފުޅުންގެ ޚިޔާލުތަކާ އެއްކޮށް މި ޤާނޫނަށް އިސްލާޙު ގެނައުމުގެ މަސައްކަތްކޮށް އިރާދަކުރެއްވިއްޔާ އޭޖީ އޮފީހަށް ފޮނުވައިދޭނަން" ސްޓޭޓް މިނިސްޓަރ ޠާރިޤު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ޠާރިޤު ވިދާޅުވީ، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ނެޝެނަލް އާޓް ގެލަރީ ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ހުޅުވާލާ، ފަންނުވެރިންގެ އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތު ފަހިގެންދިއުމަކީ އެ މިނިސްޓްރީން އުފާކުރާކަމެއްކަމަށެވެ. އަދި އާޓް ގެލަރީ އަލުން ހުޅުވާފައިވަނީ ކުދިކުދި މަރާމާތުތަކަކާ އެކުކަން ފާހަގަކުރައްވާ، ޠާރިޤު ވިދާޅުވީ، ސަރުކާރުގެ މި 5 އަހަރުގެ ތެރޭގައި ނެޝެނަލް އާޓް ގެލަރީއަކީ މި ސަރަޙައްދުގައި ފާހަގަކޮށްލެވޭފަދަ ތަނަކަށް ހަދާނެކަމަށެވެ.

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއާއި، ފަންނާނުންނާއި އާޓިސްޓުންނަށް ކުރިއަށްދިއުމަށް ބޭނުންވާ ފުރުޞަތު ފަހިކޮށްދިނުމަށް މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމަށްވެސް ޠާރިޤު ވިދާޅުވިއެވެ.