ކުޅިވަރު

1 ވަނަ މާޒިޔާއަށް، 2 ވަނަ އީގަލްސްއަށް


ޕްރެޒިޑެންޓްކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު އައްޑޫ ސިޓީގައި ކުޅުނު މާޒިޔާއާއި އީގަލްސް މެޗު އެއްވަރުވެ، ގްރޫޕްގެ އެއްވަނަ މާޒިޔާއަށް އަދި ދެވަނަ އީގަލްސްއަށް ކަށަވަރުވެއްޖެއެވެ. މިމެޗު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ.ދެޓީމަށްވެސް ލަނޑުޖަހާނެ ފުރުޞަތެއް ތަނަވަސް ނުކުރެވުނު މިމެޗުގައި ދެޓީމުންވެސް ލަނޑު ޖެހީ ޕެނަލްޓީންނެވެ. ފުރަތަމަ ލަނޑު އީގަލްސްއިން ޖެހީ ފުރަތަމަ ހާފްގެ 42 ވަނަ މިނިޓްގައި އިސްމާއީލް އީސާއަށް ޓޯނީ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުންނެވެ. ލަނޑު ޖެހީ އިސްމާއީލް އީސާއެވެ.މާޒިޔާއިން ލަނޑު ޖެހީ ދެވަނަ ހާފްގެ 38 ވަނަ މިނިޓްގައި އަސަދުﷲ އަބުދުﷲއަށް ޕެޑްރޯ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުންނެވެ. ލަނޑު ޖެހީ ދެވަނަ ހާފްގައި ކުޅެން ނިކުއިން މުޙައްމަދު އުމެއިރުއެވެ. މިނަތީޖާގެ ސަބަބުން ބާކީ އެއް މެޗު އޮއްވައި ވިކްޓްރީވެސް ވަނީ ކަޓާފައެވެ. މާޒިޔާއަށް ތިން މެޗުން 7 ޕޮއިންޓް އަދި އީގަލްސްއަށް 5 ޕޮއިންޓް ވަނީ ލިބިފައެވެ.މިގްރޫޕްގައި މާދަމާވެލެންސިޔާއާއި ވިކްޓްރީ ވާދަކުރާ މެޗުގެ މުޙިއްމުކަމެއް މިހާރު ނެތެވެ.