ޚަބަރު

ކޯވިޑް-19: މިއަދު 42 މީހަކު ޕޮޒިޓިވްވެއްޖެ


މިއަދު ރާއްޖެއިން އިތުރު 42 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ބުދަ ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 42 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މީގެ ތެރެއިން 37 މީހުން ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި ރިސޯޓްތަކުން 5 މީހުން ޕޮޒިޓިވްވެފައި ވާކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 42 މީހުންގެ ތެރެއިން 27 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 15 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11،358 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ. ރާއްޖޭގައި ކޯވިޑް-19ގެ ބަލި މީހުންގެގޮތުގައި މިވަގުތު ތިބީ 931 މީހުންނެވެ. އޭގެތެރެއިން 340 މީހުންނަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދެއެވެ. އަދި 35 މީހުންނަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުން ދެއެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 99 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10،383 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހިގެން 37 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 30 ދިވެހިންނާއި، 7 ބިދޭސީންނެވެ.