ޚަބަރު

ޕޯސްޓު މެދުވެރިކޮށް އެތެރެކުރަން އުޅުނު މިލިޔަކަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި


ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަން އުޅުނު މިލިޔަނަކަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ ޕޯސްޓްގެ ޒަރިއްޔާއިން ތަފާތު 12 ފަހަރުމަތީން ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާކަމަށެވެ. މި ތަކެތި އަތުލައިގެން ފައިވަނީ 28 ޖޫން 2020އިން 13 އޮކްޓޯބަރ 2020 ދުވަހުގެ ނިޔަލަށް ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައިކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ.

މިތަކެތީގެ ބަރުދަނުގައި ޖުމްލަ 503 ގްރާމް ހުރިއިރު، މަގުމަތީ އަގު ގާތްގަނޑަކަށް 1،475،800 (އެއްމިލިޔަން ހަތަރުލައްކަ ހަތްދިހަ ފަސްހާސް އަށްސަތޭކަ) ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

އަތުލައިގަތް މަސްތުވާތަކެއްޗާއިއެކު މިމައްސަލަ އިތުރަށް ތަހުގީގްކުރުން ކަސްޓަމްސްއިން ވަނީ ފުލުހުންނާ ޙަވާލުކޮށްފައެވެ.