ޚަބަރު

ރަސްދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއު ނިމިއްޖެ


އއ.ރަސްދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ނިންމާލައިފިއެވެ.

އެމަސައްކަތް ކޮށްފައިވާ މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީއިން ވިދާޅުވީ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. އެރަށުގެ ފެނުގެ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އާއި އެމް.ޑަބްލިޔު.އެސް.ސީ އަދި ސްޓެލްކޯގެ ބޭފުޅުން މިއަދު އެރަށަށްވަޑައިގެންނެވެ.

އެމްޑަބްލިއުއެސްސީން ވިދާޅުވީ ކޮމިޝަން ކުރުމުގެ މަސައްކަތް މިއަދު ނިންމުމަށް ވަނީ ހަމަޖެހިފައި ވެެއެވެ.

ރަސްދޫގެ ފެނުގެ ނިޒާމުގެ މަޝްރޫޢަކީ 30 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމް.ޑަބްލިޔު.އެސް.ސީ. އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ރަސްދޫގެ ފެނުގެ ނިޒާމް ޑިޒައިންކޮށް، ރަށުގައި 2886 މީޓަރގެ ދިގު މައި ނެޓްވޯރކެއް އަޅައި އަދި ރަށުގެ 297 ގެއެއްގައި ފެން މީޓަރު ވަނީ ބަހައްޓައި ގޭގެއަށް ވަނީ ފެންގުޅާފައެވެ. މީގެ އިތުރުން އާރްއޯ ފެސިލިޓީ ބިލްޑިންގ އެއް ޤާއިމްކޮށް، ފެން އުފެއްދުމަށްޓަކައި 2 އާރް އޯ ޕްލާންޓާއި، ފެން ރައްކާ ކުރުމަށްޓަކައި 263 ޓަނުގެ 2 ތާންގީ އާއި ވާރޭފެން ސާފުކުރުމަށްޓަކައި އަލްޓްރާ ފިލްޓްރޭޝަން ނިޒާމެއް ޤާއިމްކޮށްފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

އަދި އެ ރަށުގައި ވާރޭފެން ރައްކާކުރުމަށްޓަކައި 703 ޓަނުގެ 1 ތާންގީ ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން ފެން ތަހުލީލް ކުރުމަށް ބޭނުންވާ ލެބޯޓްރީ އަލާތްތަކާއި ސާމާނުތައްވެސް މި މަޝްރޫޢު ގެ ދަށުން ފޯރުކޮށްދިނުމަށް ހަމަ ޖެހިފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިމުމުން އއ.ރަސްދޫ ގެ ރައްޔިތުންނަށް ސާފު ބޯފެނު ގެ ނިޒާމެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.