ޚަބަރު

ޗައިނާގެ ވެކްސިން ބުރެޒިލުގައި ބޭނުން ނުކުރާނެކަމަށް ބުނެފި


ކޯވިޑް-19އާ ދެކޮޅަށް ޗައިނާއިން އުފައްދާ ވެކްސިނެއް ބުރެޒިލުގެ ވެކްސިން ޕުރޮގުރާމުގައި ބޭނުން ނުކުރާނެކަމަށް ބުރެޒިލުގެ ރައީސް ޖައިޚް ބޮލްސޮނާރޯ ވިދާޅުވެއްޖެއެވެ. ރައީސް ބޮލްސޮނާރޯ އެހެން ވިދާޅުވީ ބުރެޒިލުގެ ވެކްސިން ޕުރޮގުރާމުގައި ޗައިނާގެ ސިނޯވެކް ވެކްސިން ހިމަނާނެކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވަޒީރު އިޢުލާނުކުރިތާ އެއްދުވަސް ފަހުންނެވެ.

ވެކްސިނާ ގުޅޭގޮތުން ސަރުކާރުން ދައްކާ ވާހަކައާއި ރައީސްގެ ނިންމެވުމާ ތަފާތުވުމުން ވެކްސިނާމެދު ޢަމަލުކުރާނެގޮތަކާމެދު ގަވަރުނަރުންނާއި ރައީސްގެ މެދުގައި ޚިޔާލު ތަފާތުވެފައިވާކަންވަނީ ހާމަވެފައެވެ. ބުރެޒިލުގެ ސަރުކާރުން ޝައުގުވެރިކަން ބޮޑަށް ފައުޅުކޮށްފައިވަނީ އިނގިރޭސިވިލާތުގެ އެސްޓްރެޒެނެކާ ކުންފުންޏާއި އޮކްސްފޯޑު ޔުނިވަސިޓީއިން ތައްޔާރުކުރަމުންދާ ވެކްސިނަށެވެ. ބައެއް ސަރަޙައްދުތަކުގެ ގަވަރުނަރުން ދަނީ އެ ނޫން ވެކްސިނެއް ބޭނުންކުރެވިދާނެތޯ ދިރާސާތައް ކުރަމުންނެވެ.

ސްޓޭޓު ގަވަރުނަރުންނާއެކު ޞިއްޙަތާބެހޭ ވަޒީރު އެޑުއާޑޯ ޕަޒުއެލޯ އޮކްޓޯބަރު މަހުގެ 20ވަނަ ދުވަހު ބޭއްވިވެ ބައްދަލުވުމެއްގައިވަނީ އެސްޓްރެޒެނެކާގެ އިތުރުން ޗައިނާގެ ސިނޯވެކް ވެކްސިން ޕުރޮގުރާމުގައި ހިމަނާނެކަމަށް ބުނެފައެވެ. ނަމަވެސް އެގޮތަށް ކަންތައް ކުރުމަށް ބޭހާއި ވެކްސިނަށް ޙުއްދަދޭ އިދާރާ، އެންވިސާގެ ޙުއްދަ ބޭނުންވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޞިއްޙަތާބެހޭ ވަޒީރު އެހެން ވިދާޅުވިތާ އެއްދުވަސް ފަހުން ރައީސް ބޮލްސޮނާރޯ ވިދާޅުވީ ޞިއްޙަތާބެހޭ ވަޒީރު ގަވަރުނަރުންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަ ޖަލްސާގެ ބައިވެރިންނަށް ދޭހަވެފައިވަނީ ނުވައިކޮށްކަމަށެވެ. ބުރެޒިލުން ޔަޤީނުންވެސް ޗައިނާގެ ވެކްސިނެއް ނުގަންނާނެކަމަށް ރައީސް ބޮލްސޮނާރޯ ވިދާޅުވިއެވެ. ރައީސް ބޮލްސޮނާރޯ އެހެން ވިދާޅުވިފަހުން ޞިއްޙަތާބެހޭ ވުޒާރާގެ އިސް ފަރާތެއްކަމަށްވާ އެލްސިއޯ ފްރެންކޯ ވިދާޅުވީ ހުރިހާ ވެކްސިނަކަށްވެސް ސަރުކާރުން ހޯދަންޖެހޭ ފާސްތަކާއި ޙުއްދަތައް ހޯދަންޖެހޭނެކަމަށެވެ. ނަމަވެސް ޗައިނާގެ ވެކްސިނަކަށް ސަރުކާރުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާއާއި އިންޑިޔާއަށްފަހު ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ޤައުމުގެ ގޮތުގައި އަދި ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވި ޤައުމުގެ ގޮތުގައު އޮތީ ބުރެޒިލެވެ. އެ ޤައުމުގައި މިހާތަނަށް 5.3 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 155،459 މީހުންވަނީ މަރުވެފައެވެ.