މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމް ޢައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅުއަރުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ކުރެއްވި ޓްވީޓެއްގައިވަނީ މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް ހެންވޭރު ހިކިފިނިފެންމާގެ، އަޙްމަދު ނަސީމް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރައްވާފައިވާކަމަށާއި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވާފައިވާކަމަށެވެ.
ހެލްތު މިނިސްޓަރުކަމަށް އައްޔަންކުރެއްވި އަޙްމަދު ނަސީމްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަމުގެ މަޤާމު އަދާކުރައްވާފައެވެ.
ހެލްތު މިނިސްޓަރަކަށް ނަސީމް އައްޔަންކުރައްވާފައި މިވަނީ ކުރިން އެމަޤާމުގައި ހުންނެވި ޢަބްދުﷲ އަމީން އެމަޤާމުން އިސްތިއުފާދެއްވުމުންނެވެ. އަމީން އިސްތިއުފާދެއްވާފައިވަނީ އޭނާގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވަނިކޮށެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓުގައި ހުންނެވި އަމީން މަޤާމުން އިސްތިއުފާދެއްވާފައިވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުޢާމަލާތްތަކެއް ހިންގާފައިވާކަމަށް ތުހުމަތުކޮށް އޭސީސީން ތަޙްގީގްކުރި ރިޕޯޓް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިނަމަވެސް ދައުވާކުރެވެން ނެތްކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލިފަހުންނެވެ.
އޭސީސީގެ ތަޙްގީގް ރިޕޯޓްގައި ވަނީ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކުރުމަށެވެ. ނަމަވެސް ޕީޖީންވަނީ އެމީހުންގެ މައްޗަށް ދައުވާ ސާބިތުވާނެ މިންވަރާ ގާތަށްވެސް ހެކި ލިބިފައިނުވާކަމަށް ވިދާޅުވެފައެވެ.
އަމީން މަޤާމުން އިސްތިއުފާ ދެއްވުމުގެ ކުރިން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގައިވެސް ވަނީ އަމީންގެ އިތުބާތު ނެތްކަމަށް މަޖިލީހަށް ވެއްދުމާއިމެދު ޕާލިމަންޓްރީ ގްރޫޕުގައި ވޯޓެއްވެސް ނަގާފައެވެ. މިވޯޓުގައި އަމީނަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ އިތުބާރު އޮތްކަމަށް ވަނީ ފާސްކޮށްފައެވެ. ވެންޓިލޭޓަރު މައްސަލާގައި މިނިސްޓަރުކަމުގެ މަސްޢޫލިއްޔަތުން އެކަހެރިވެވަޑައިގެންނވި ހިސާބުން އެމަނިސްޓްރީ ހިންގަވަމުން ގޮސްފައިވަނީ ޕްލޭނިސްޓަރ މުހައްމަދު އަސްލަމްއެވެ.