ވިޔަފާރި

އައުޓްބައުންޑް ޓްރެވެލް ރޯޑްޝޯވްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ


އައުޓްބައުންޑް ޓްރެވެލް ރޯޑް ޝޯވްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ.

އެއްދުވަހުގެ މުއްދަތަށް ވާޗުއަލްކޮށް ކުރިއަށްގެންދިޔަ މިހަރަކާތާއި ގުޅިގެން އެމްއެމްޕީއާރުސީން ވިދާޅުވީ، އައުޓްބައުންޑް ޓްރެވެލް ރޯޑް ޝޯވްގެ ސަބަބުން އެއްތަނަކުން ގިނަ ކުންފުނިތަައް ބައިވެރިވުމުގެ ފުރުސަތު މިހަރަކާތުގެ ތެރެއިން ފަހިވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިއީ މިދަނޑިވަޅުގައި ލިބިގެންދިޔަ ރަނގަޅު ފުރުސަތެއް ކަމަށްވެސް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ.

މިހަރާކާތުގައި އިންޑިއާ އަދި އެހެނިހެން މާކެޓްތަކުގެ ބީ.ޓު.ބީ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ. އައުޓް ބައުންޑް ޓްރެވެލް ރޯޑްޝޯވް (އޯޓީއާރް) ތެރެއިން އެޕޮއިންޓްމެން އުސޫލުން ބައްދަލުވުންތައް ކުރިއަށް ގެންދިޔައެވެ. އަދި ބައިވެރިވި ކޮންމެ ކުންފުންޏަކަށްވެސް ޕްރޮޑަކްޓްް ޕްރެސެންޓޭޝަނެއް ހުށަހެޅުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.

މިމަހުގެ ތެރޭ އެމްއެމްޕީއާރްސީން އިންޑިއާގެ ފަތުރުވެރިންނަށް އަމާޒުކޮށް ގިނަ މާކެޓިންގ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި މީޑިއާ ފެމްލިއަރައިޒޭޝަން ޓްރިޕަކާއި، ރޭޑިއޯ ކެމްޕެއިންގެ އިތުރުން ކައިވެނި އަދި ހަނީމޫނަށް ހާއްސަ ކޮށްގެން ކުރިއަށްގެންދާ ކެމްޕެއިނެއް ހިމެނެއެވެ.

މިއަހަރު ފެށުނީއްސުރެ އިންޑިއާއަކީ ދެވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދިޔަ ޤައުމެވެ. އަދި ދާދި ފަހުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އިތުރު ފަތުރުވެރިން އައުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައެވެ. އެމްއެމްޕީއާރްސީން ވިދާޅުވީ، އިންޑިއާ އަކީ މިހާރު، މެދު އިރުމަތި އާއި ރަޝިއާ ފަދަ ފޯކަސް މާކެޓެއް ކަމަށެވެ.

މިއަހަރު ޖުލައި 15 ގައި ރާއްޖޭ ބޯޑަރުތައް އަލުން ހުޅުވުމާއި އެކު ރާއްޖޭ ދުނިޔޭގެ ކަންކޮޅުތަކުގައި މާކެޓް ކުރުމުގެ ގިނަ ހަރާކާތްތައް އެކުންފުނިން ކުރިއަށް އެބަގެންދެއެއެވެ. އެގޮތުން މެދު އިރުމައްޗާއި އިންގިރޭސިވިލާތާއި، އިޓަލީ އަދި ޖަރުމަން ވިލާތާއި ޗައިނާފަދަ ޤައުމުތަކުގައި ކުރިއަށްގެންދާ މާކެޓިން ހަރަކާތްތައް ހިމެނެއެވެ.