ކުޅިވަރު

އަމިއްލަ ދަނޑުގައި ކުޅެ ރެއާލުން ޝަހުތަރު އަތުން ބަލިވެއްޖެ


ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ސްޕެއިންގެ ރެއާލް މެޑްރިޑުން ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކާ ވާދަކޮށް ބަލިވެއްޖެއެވެ.

މުބާރާތުގެ އެންމެކާމިޔާބު ޓީމު މެޑްރިޑު ބަލިވީ 3-2 ގެ ނަތިޖާއަކުންނެވެ.

ރެއާލް މެޑްރިޑުގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ޝަހުތަރުން ވަނީ މޮޅުކުޅުމެއް ދައްކާ މެޑްރިޑު ހައިރާން ކޮށްލާފައެވެ. ޝަހުތަރުން ޖެހި ތިން ލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކާޑޯސޯ ލެމޯސް މާޓިންއެވެ. ޝަހުތަރުން ލީޑު ނެގީތާ ހަތަރު މިނެޓު ފަހުން މެޑްރިޑުގެ ރަފޭލް ވަރާން އަތުން ބައިކޮޅަށް ލަނޑެއް ވަދެ ލީޑު އިތުރަށް ފުޅާވިއެވެ. ޝަހަތުރުން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މަނޯ ސަލްމޮންއެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޝަހުތަރުން މެޑްރިޑް ކޮޅަށް ތިން ލަނޑު ޖެހުމާއެކު އެޓީމުން ދެވަނަ ހާފް ފެށީ ބަދަލުތަކާކާ އެކުއެވެ. ދެވަނަ ހާފްގައި ކަރިމް ބެންޒެމާ އާއި ވިނީޝީއަސް ޖޫނިއަރ ކުޅެން ނުކުތެއެވެ. ނަތީޖާއެއް ގޮތުން ދެވަނަ ހާފް ފަށައިގެން 9 ވަނަ މިނެޓުގެ ތެރޭގައި ރެއާލުން މެޗު ފުރަތަމަ ލަނޑު ކާމިޔާބުކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލުކާ މޮޑްރިޗެއެވެ. މެޗުގައި މެޑްރިޑުގެ ދެވަނަ ލަނޑު ވިނީޝިއަސް ޖޫނިއަރ ކާމިޔާބުކޮށްދިނީ ކުޅެން ނުކުތްތާ މިނެޓެއްވެސް ނުވަނީހެއެވެ.

މެޗުގެ އިތުރު ވަގުތުގައި ފެޑޭ ވަލްވޭޑޭ ރެއާލަށް އެއްވަރުކޮށްދިން ނަމަވެސް އެ ގޯލު ބަލައިނުގަތީ ވިނީޝިއުސް އޮފްސައިޑްގައި ހުރުމުންނެވެ.

މިއީ ވިދިވިދިގެން މެޑްރިޑު ބަލިވި ދެވަނަ މެޗެއެވެ. މިއީ 2005 ވަނަ އަހަރު ލިއޯނުން މެޑްރިޑު ކޮޅަށް ފުރަތަމަ ހާފްގައި 3 ލަނޑުޖެހި ފަހުން އެޓީމުކޮޅަށް ފުރަތަމަ ހާފްގައި ތިން ލަނޑު ޖެހި ފުރަތަމަ ފަހަރެއެވެ.