ކުޅިވަރު

ނަތީޖާމެދު ހިތްހަމައެއް ނުޖެހޭ، މިއަށްވުރެ ރަނގަޅަށް ކުޅެވެންވާނެ: ޓުޗެލް


ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ޔުނައިޓެޑު އަތުން 2-1 އިން ބަލިވުމުން ހިތްހަމަނުޖެހޭ ކަމަށާއި ޕީއެސްޖީއަށް މިއަށްވުރެ ރަނގަޅަށް ކުޅެވެންވާނެކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޓުޗެލް ބުނީ ކުރިން ޓީމުގައި އޮތް މޮޅުވުމުގެ ރޫހު ނެތްކަމަށާއި ޓީމުގައި ވަރަށްގިނަ ކަންކަން ރަނގަޅު ކުރަންވެފަ އެބަހުރިކަމަށެވެ. މުހިންމު ކުޅުންތެރިންތަކެއް މެޗާ ކުރިމަތިލީއިރު އަނިޔާގައި ތިބުންވެސް އެއީ ދިމާވި މައްސަލައެއް ކަމަށް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލު ކުޅުނު ޓީމުގެ ކޯޗު ބުންޏެވެ.

މިމެޗުގައި ވެސް ފެނިގެންދިޔައީ މޮޅެއް ހޯދަން ޓީމަން އުނދަގޫވެގެން އުޅުނުތަން ކަމަށާއި ގެއްލޭ ކޮންމެ ތިން ޕޮއިންޓަކާ އެކު އިތުރަށް ގުރޫޕްގައި ކުރިޔަށްދާން އުނދަގޫވާނެކަމަށް ޕީއެސްޖީގެ ކޯޗު ބުންޏެވެ. މުބާރާތުގައި ޕީއެސްޖީން ދެން ނުކުންނާނީ ރަށުން ބޭރުގައި ތުރުކީގެ ބަސަކްޝީރާ ދެކޮޅަށެވެ.