ޚަބަރު

މަދީނާގަ ކިޔަވާ ދިވެހި ދަރިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި


ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، މަދީނާގައި ތައުލީމް ހާސިލް ކުރަމުންދާ ދިވެހި ދަރިވަރުންނާއި ބަދައްލުކުރައްވައިފިއެވެ.މަދީނާ ހިލްޓަން ހޮޓެލްގައި އިއްޔެ ބޭއްވި މިބައްދަލުކުރެއްވުމުގައި މަދީނާގައި ކިޔަވަމުންދާ ދިވެހި ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ.މިބައްދަލުކޮށްލެއްވުމުގައި ސަރުކާރުން އިސްކަން ދެއްވާކަންކަން އެމަނިކުފާނު ހިއްސާކުރެއްވިއެވެ. އަދި އިސްލާމްދީނުގެ ކަންކަން ކުރިއެރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައްވެސް އެކުދިންނާއި ހިއްސާކުރައްވާފައިވެއެވެ.ރައީސް އަރިހުގައި ހުންނެވި އޮފިޝަލަކު ޕީއެސްއެމްއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ހުންނަވާ ހޮޓަލަށް މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުންގެ އާއިލާތަކަށް ދައުވަތު ދެއްވައިގެން ބޭއްވި މިބައްދަލުކުރެއްވުމުގައި، އެކުދިން ތައުލީމް ހާސިލްކޮށް ނިމިގެން ރާއްޖޭގައި ޚިދުމަތްކުރާއިރު މުޖްތަމައު އިސްލާހް ކުރުމުގެ ކަންކަމުގައި ވީހާވެސް ބޮޑަކަށް ހަރަކާތްތެރިވެދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާކަމަށެވެ.އިސްލާމީ ޝަރީއަތުގެ ހުކުމްތައް ހާމަކުރުމާއި އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގައި އިލްމުވެރިންނަށް ސަރުކާރުން ތަރްހީބުދޭނެކަމަށްވެސް ރައީސުލް ޖުމްހޫރިއްޔާ، މި ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ. އަދި މިހާރުވެސް ރާއްޖޭގައި މަދީނާ ޔުނިވަރސިޓީން ކިޔަވައިގެން ތިބި އިލްމުވެރިން އެމަސައްކަތް ކުރައްވަމުންގެންދަވާކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.އަދި އިލްމުވެރިންނަކީ އެމަނިކުފާނުގެ ސަރުކާރުން ގަދަރުކުރާ ބަޔެއްކަމަށާއި، އެހެންނަމަވެސް ދީން ބޭނުންކޮށްގެން މީހުންނަށް އޮޅޭގޮތަށް ސިޔާސީ މަގްސަދުތަކެއް ހާސިލުކުރުމަށް މަސައްކަތް ކުރުމަކީ ރަގަޅުކަމެއްކަމަށް ގަބޫލުނުކުރައްވާކަމަށްވެސް ރައީސް ވިދާޅެފައިވެއެވެ.މިބައްދަލުކޮށްލެއްވުމުގައި ސައޫދީ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު މިހާރު އޮތް ގާތްގުޅުމާއި އަދި ސައޫދީ ސަރުކާރުން ރާއްޖެއަށް ވެދެމުންގެންދާ އެހީތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.މިބައްދަލުކޮށްލުމުގައި ބައިވެރިވި ބައެއް ކުދިންވަނީ އެކުދިންނަށް ދިމާވާ ބައެއް ދަތިތައް ރައީސް ޔާމީން އާއި ހިއްސާކޮށްފައެވެ.އަދި ރައީސް ޔާމީން ވަނީ ސައުދީ ރަސްގެފާނާއި މިދަތުރުފުޅުގެތެރޭގައި ބައްދަލުކޮށްލައްވަން ހަމަޖެހިވަޑައިގެންފައި އޮތުމުން އެފުރުސަތުގައި އެކުދިންގެ ވާހަކަތައް ރަސްގެފާނާއި ހަމައަށް ގެންގޮސްދެއްވާނެކަމުގެ ޔަގީންކަންވެސް އެކުދިންނަށް ދީފައެވެ.މަދީނާގައި ދިވެހި 130 ހަކަށް ކުދިން ކިޔަވަމުން ގެންދެއެވެ. އެކުދިން ކިޔަވަމުންގެންދަނީ ސައޫދީ ސަރުކާރުގެ ސްކޯލަރޝިޕްގައެވެ.