ޚަބަރު

ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް މިހާރު ކުރިއަށްގެންދަނީ ޕްލޭނިންގ މިނިސްޓްރީން - ހޯމް މިނިސްޓަރ


ފުލުހުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައިި ޢިމާރަތްކުރަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީއާ ޙަވާލުކުރައްވައިގެން މިހާރު ކުރިއަށްދާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޙާޒިރުވެވަޑައިގެން މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ ފުލުހުންގެ ފްލެޓްތަކުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާކަން ގަބޫލުފުޅު ކުރައްވާކަމަށެވެ. އެހެންކަމުން ދިގުލައިގެން ގޮސްފައިވާ މިމަޝްރޫޢާ ގުޅޭގޮތުން ފުލުހުންނާއި އެމަޝްރޫޢު ކުރިން ޙަވާލުކުރި ކުންފުންޏާ މަޝްވަރާކޮށްގެން އެމަޝްރޫޢުގެ އެގްރިމަންޓް މިހާރު ބާޠިލުކޮށްފައިވާކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

"ޕޮލިހުންގެ ފްލެޓްގެ މައްސަލައަށް އިއްޒަތްތެރި މެންބަރު ތިވިދާޅުވި ފަދައިން މިހާރު 7 އަހަރުވަމުން ދާއިރުގަ އެމައްސަލާގައި ވަރަށް ގިނަ ދަތިތަކާއި އުނދަގޫތައް އެބަހުރިކަން ގަބޫލުކުރަން. ނަމަވެސް މިހާރު ސަރުކާރުން ވަނީ މިހާރުގެ ފުލުހުންނާއި މަޝްވަރާކުރެވި އެޕްރިޖެކްޓު ހުންގާ ފަރާތާއި ވެސް ވާހަކަދެކެވިގެން ކުރިން ހެދިފައިވާ އެގްރިމަންޓް ނިމުމަކށް ގެނެސް އަލަށް އެމޗްރޫޢު ޕްލޭނިން މިނިސްޓްރީއާއެކު ފަށާގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ. މިހާރު އެމަސައްކަތް އެގޮތަށް ކުރެވެމުން އެބަދޭ." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުލުހުންގެ ފްލެޓްތަކުގެ މައްސަލާގައި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށެވެ. ބްލޫ ހައުސިން ސްކީމްގެ ނަމުގައި ފުލުހުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި 300 ފްލެޓް ޢިމާރާތް ކުރަން ފެށީ 2014ވަނަ އަރުއެވެ.

ނަމަވެސް އެމަޝްރޫޢު ނުނިމި ދިގުލައިގެން ގޮސް އެމަޝްރޫޢު ހަވާލުކޮށްފައިވާ އައިލެންޑް އެކްސްޕާޓް ކުންފުންޏާއެކު ވެފައިވާ އެގްރީމަންޓް މިހާރު ބާތިލުކޮށްފައިވާއިރު، ފްލެޓް ލިބޭނެ މީހުން، 2013ވަނަ އަހަރު ވަނީ ކަނޑައަޅާފައެވެ. އަދި ބައެއް މީހުން ޑައުންޕޭމަންޓް ވެސް ދައްކާފައިވެއެވެ. ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ފަރުވާ ކުޑަކޮށްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވެސް ވިދާޅުވެފައިވެއެވެ.