ކުޅިވަރު

ޗެމްޕިއަންސް ލީގު: މޮރާޓާގެ ދެ ލަނޑުން ޔުވެންޓަސް ފެށުން ރަނގަޅުކޮށްފި


ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އަލްވާރޯ މޮރާޓާ ކާމިޔާބުކޮށްދިން ދެ ލަނޑުން މޮޅުވެ ޔުވެންޓަސް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ޔޫކްރޭނުގެ ޑިނަމޯ ކިއޭވް އާއި ޔުވެންޓަސް ބައްދަލުކުރި މެޗު ޔުވެންޓަސްއިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއާކުންނެވެ.

ޑިނަމޯ ކިއޭވްގެ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ޔުވެންޓަސްގެ ޗިއެސާ އޭރީޔާ ތެރެއަށް ވަދެ ކުރިޔަށް ފޮނުވާލި ބޯޅަ ކީޕަރ ވަނީ ދިފާއުކޮށްފައެވެ. ފުރަތަމަ ހާފުގައި ޑިނަމޯ ކިއޭވްއަށް ޔުވެންޓަސްގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައި ނުވާއިރު ޔުވެންޓަސްއިން ވަނީ އެޓީމަށް ލިބުނު ފުރުޞަތު ތަކުގައި ލަނޑު ޖަހަން މަސައްކަތްކޮށްފައެވެ. މި މެޗުގެ 19 ވަނަ މިނެޓުގައި ޔުވެންޓަސްގެ ކެޕްޓަން ޗިއެލިނީއަށް އަނިޔާވެގެން އޭނާ ވަނީ ބަދަލުކޮށްފައެވެ.

މެޗުގައި ޔުވެންޓަސްއިން ލަނޑު ޖަހާ ލީޑު ނެގީ ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައެވެ. ޔުވެންޓަސްގެ ކުލުސެވްސްކީ ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅަަ ކީޕަރ އަތުގައި ޖެހިފައި އެނބުރި ކުޅުމުގެ ތެރެއަށް އައުމުން އެއްފަހަރު ޖަހާ އަލްވާރޯ މޮރާޓާ ވަނީ ޔުވެންޓަސްގެ ފުރަތަމަ ލަނޑު ޖަހާފައެވެ.

ޔުވެންޓަސްއިން ލަނޑު ޖަހާ ލީޑު ނެގިފަހުން ޑިނަމޯ ކިއޭވްއިން ވަނީ ގިނައިރު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެ ޔުވެންޓަސްގެ ފަހަތަށް ބާރުބޮޑުކޮށްފައެވެ. މެޗުގައި ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން މޮރާޓާއެވެ. އޭނާ މި ލަނޑު ޖެހީ ކުއަޑްރާޑޯ އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި ރަޝިއާގެ ޗެމްޕިއަން ޒެނިޓް އާއި ކްލަބް ބްރޫޖް ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކްލަބް ބްރޫޖްއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިއެއްނުވެއެވެ.

ދެވަނަ ހާފް ފަށައިގެން 64 ވަނަ މިނެޓުގައި ކްލަބް ބްރޫޖުން ވަނީ ލަނޑެއް ޖަހާފައި ވަނިކޮށް 74 ވަނަ މިނެޓުގައި ކްލަބް ބްރޫޖްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ލަނޑެއް ވަދެ މެޗުގެ ނަތީޖާ ހަމަހަމަވިއެވެ. މި މެޗުން ކްލަބް ބްރޫޖަށް ތިން ޕޮއިންޓް ޔަގީންވި ލަނޑު އެޓީމުން ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވުގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ.