ޚަބަރު

އަންނަ އަހަރު 1 މިލިއަން ފަތުރުވެރިން ގެނެވޭނެކަމުގެ އުއްމީދު އެބައޮތް: ޑރ.މައުސޫމް

އަންނަ އަހަރު އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެކަމަށް އުންމީދުކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވީ އަންނަ އަހަރަށް ފަތުރުވެރިން ގެނެވޭނެ އަދަދުތަކާއި ގުޅޭގޮތުން، ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއިއެކު މަޝްވަރާކުރަމުންދާކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން އަންނަ އަހަރު ރާއްޖެއަށް ގެނެވޭނެކަމަށް، ދާއިރާގެ އެހެން ފަރާތްތަކުން ބުނަނީ 7ލައްކަ 50ހާސް ފަތުރުވެރިންނަމަވެސް، އެ އަދަދު މިއަށްވުރެ މާބޮޑަށް މަތިކުރެވޭނެކަމުގެ އުއްމީދު އެބައޮތްކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ.

"ހިސާބުތައް ހެދިއިރު އަންނަ އަހަރު 7 ލައްކަ 50ހާސް އަންނާނެކަމަށް ބެލެވެނީ. އެކަމަކު އަޅުގަނޑުގެ ތަޞައްވަރަކީ 1މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް. އެ ނަންބަރު ޙާސިލް ކުރެވޭނެ." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތް މި އޮތް ޙާލަތަށް ބަލާއިރު، ރާއްޖެއަށް އަންނަ އަހަރު 7 ލައްކަ ފަތުރުވެރިން އައުންވެސް ވާނީ ލިބޭ ބޮޑު ކާމިޔާބީއަކަށް ކަމަށެވެ. އަދި ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ރޭތަކުގެ އަދަދުވެސް 2019 ވަނަ އަހަރެކޭ އެއްވަރަށް ހިފެހެއްޓޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"2019ގައި 10.5މިލިއަން، ބެޑް ނައިޓްގެ އަދަދަކީ. އަންނަ އަހަރުވެސް 10މިލިއަން ހުރަސްކުރާނެކަމަށް ބެލެވޭ." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހީނަރުވެފައި އޮތުމަށްފަހު މިހާރު ބޯޑަރު ހުޅުވާލުމާއިގުޅިގެން ފަތުރުވެރިން އަންނަ މިންވަރު ދަނީ މަހަކަށްވުރެ މަހެއް އިތުރުވަމުންނެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލީ ޖުލައިމަހުގެ 15ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 26000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިހާރު އެވަރެޖްކޮށް 500 ފަތުރުވެރިން ދުވާލަކު ރާއްޖެ އާދެއެވެ.