ޚަބަރު

ފުރަތަމަ ފަހަރަށް ޔޫއޭއީގެ ރަސްމީ ވަފުދެއް އިސްރާއީލަށް


ޔޫއޭއީގެ ރަސްމީ ވަފުދެއް އިސްރާއީލަށް ޒިޔާރަތްކުރުމަށް ދަތުރު ފަށައިފިއެވެ. މިއީ ޔޫއޭއީގެ ވަފުދެއް އިސްރާއީލަށް ރަސްމީ ދަތުރެއް ކުރާ ފުރަތަމަ ފަހަރެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޔޫއޭއީއިންވަނީ އެމެރިކާ މެދުވެރިވެ އިސްރާއީލާއެކު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ބެލެވޭ ގޮތުގައި ޔޫއޭއީއިން އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިވަނީ އީރާނާމެދު އޮންނަ ނުތަނަވަސްކަމެއްގެ ސަބަބުންނެވެ. އެ ނިންމުމުގެ ސަބަބުން ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން ޔަޤީންވާނެކަމަށް އެމެރިކާއާއި އެ އެއްބަސްވުމަށް ތާޢީދުކުރާ އެހެން ޤައުމުތަކުންދަނީ ބުނަމުންނެވެ. ނަމަވެސް ފަލަސްޠީނުންވަނީ އެ ނިންމުން ބަލައިގަތުމަށް ދެކޮޅުހަދައި، އަމިއްލަ ދަޢުލަތެއް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާ ފަލަސްޠީނަށް ޔޫއޭއީއިން ބޭވަފާތެރިވެފައިވާކަމަށް ތުހުމަތުކޮށްފައެވެ.

ޔޫއޭއީގެ ސަރުކާރުގެ އިސް ފަރާތްތައް ހިމެނޭ ވަފުދު ގޮވައިގެން އެމިރޭޓްސް އެއާލައިނުގެ މަތިންދާ ބޯޓެއް ދަނީ ދުބާއީއިން އިސްރާއީލަށް ދަތުރުކުރަމުންނެވެ. އެ ދަތުރުގައި ޔޫއޭއީގެ އިސް ފަރާތްތަކުގެ އިތުރުން އެމެރިކާގެ ބައެއް ރަސްމީ ފަރާތްތަށްވެސް ބައިވެރިވެއެވެ. ވަފުދުގެ އެންމެ އިސް ބޭފުޅުންގެ ގޮތުގައި ހުންނަވާނީ ޔޫއޭއީގެ އިޤްތިޞާދީ ވަޒީރު އަބްދުﷲ ބިން ތޫގު އަލްމާރީއާއި މާލީ ވުޒާރާގެ ސްޓޭޓު މިނިސްޓަރު އުބައިދު ހުމައިދު އަލްތާޔަރުކަމަށް ޔޫއޭއީގެ ޚާރިޖީ ވުޒާރާއިންވަނީ ހާމަކޮށްފައެވެ. އެ ދަތުރުގައި ދެން ބައިވެރިވެ ވަޑައިގަންނަވަނީ އެމެރިކާގެ ޓްރެޝަރީ ސެކެޓްރީ ސްޓީވެން މުނޫޝިންއާއި މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ މަންދޫބު އާރީ ބާކޮވިޓްޒެވެ. އެ ދެ ބޭފުޅުންވަނީ އޮކްޓޯބަރު މަހުގެ 18ވަނަ ދުވަހު އިސްރާއީލާއެކު ގުޅުން ޤާއިމްކޮށްފައިވާ ބަހުރައިނުގައި އެކަމާ ގުޅޭގޮތުން ބޭއްވި ޙާއްޞަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ބަހުރައިނަށް ޒިޔާރަތްކުރައްވާފައެވެ.

އެނގިފައިވާ ގޮތުގައި ޔޫއޭއީގެ އިސް ފަރާތްތަކުން އިސްރާއީލަށް ކުރައްވާ ދަތުރުފުޅުގައި ވިސާ މަޢާފުކުރުމުގެ އެއްބަސްވުމެއްގައި ދެ ޤައުމުން ސޮއި ކުރާނެއެވެ. އެ އެއްބަސްވުން ވެގެންދާނީ ޢަރަބި ޤައުމަކުން އިސްރާއީލާއެކު އެފަދަ އެއްބަސްވުމެއް ޤާއިމްކުރާ ފުރަތަމަ އެއްބަސްވުމަށެވެ.