ޚަބަރު

ގަގާން ކުލިނިކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާގެ ޚިދުމަތް ނައިބު ރައީސް ފައްޓަވައިދެއްވައިފި


ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ)ގެ ގަގާން ކުލިނިކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާގެ ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީގޮތުން ފައްޓަވައިދެއްވައިފިއެވެ.

އެން.ޑީ.އޭ.ގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދީ، ޒުވާނުންނަކީ މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒުކަމުގައެވެ.

މުޖުތަމަޢަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ވިދާޅުވީ، އެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތްކޮށް، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ދުރުހެލިކުރުމަށް ތަފާތު ފަރުވާތައް ތަޢާރަފުކޮށް މަސައްކަތް ކުރަމުންދާނަމަވެސް، މި މަސައްކަތްތަކުގެ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ފުރިހަމަ އެއްބާރުލުމާއި ވެސް އެކުގައި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކޮންމެ މީހަކު ވެސް، އެ ވަބާއިން ސަލާމަތްވެ، މުޖުތަމަޢަށް އަލުން އެނބުރި ރުޖޫޢަވާން ޢަޒުމް ކަނޑައެޅުމަށް ގޮވައިލައްވާފައެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށާއި، ޢާއިލާތަކާއި އަދި މުޖުތަމަޢުގެ ތެރެއިން ވެސް އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އެދިވަޑައިގަންނަވާފައެވެ.

ގަގަން ކުލިނިކުގައި މިއަދު ފެށި ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާގެ ޚިދުމަތްތަކުގެ ބޭނުމަކީ، އެން.ޑީ.އޭ.ގެ ބެލުމުގެ ދަށުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާހޯދަމުންދާ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ، އެ ކަމަށް ބޭނުންވާ ފަރުވާގެ ޚިދުމަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.