ދުނިޔެ

ބަހުޘްގައި އަޑުކަނޑާލެވޭނެ ފިތެއް ބޭނުންކުރަނީ، ޓްރަންޕު ޓީމު ރުޅިގަދަވެފައި


ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ބާއްވާ އެންމެ ފަހު ރިޔާސީ ބަހުޘްގައި ބައިވެރިންގެ އަޑު ކަނޑާލެވޭނެގޮތަށް 'މިއުޓު' ފިތެއް ބޭނުންކުރުމަށް ބަހުޘް އިންތިޒާމުކުރާ ފަރާތުން ނިންމައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕާއި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަނާ ދެމެދު ފުރަތަމަ ރިޔާސީ ބަހުޘް ބާއްވާފައިވަނީ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހުގައެވެ. އެމެރިކާގެ ކްލީވްލޭންޑުގައި ބޭއްވި ބަހުޘްގައި ރައީސް ޓްރަންޕާއި ބައިޑަންވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ބަހުޘްގައި ވާހަކަދެއްކުމަށް ހަ މައުޟޫއެއް ކަނޑައަޅައިފައި އޮތް ނަމަވެސް 90މިނެޓުގެ ބަހުޘްގައި ދެ ބޭފުޅުންވެސްވަނީ މަޢުޟޫތަކާއި ބެހޭގޮތުން ވާހަކަދެއްކެވުމުގެ ބަދަލުގައި ޒާތީގޮތުން އަރައިރުންވެ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތުތައް ރައްދުކުރައްވާފައެވެ. ދެ ބޭފުޅުންވެސްވަނީ ވާހަކަ ދެއްކެވުމުގައި ވަރަށް ބޭއަދަބީ ބަސްމަގު ބޭނުންކުރައްވާފައިވެއެވެ. އަދި ބަހުޘް ކުރިއަށް ދިޔަ ވަގުތު ރައީސް ޓްރަންޕުވަނީ އޭނާއަށް ވާހަކަ ދެއްކެވުމަމަށް ފުރުޞަތު ލިބޭ ވަގުތަށްވުރެ ދިގުކޮށް ވާހަކަ ދައްކަވައި ބައިޑަންއާއި ބަހުޘްގެ މޮޑަރޭޓަރަށް ވާހަކަދެއްކުމުގެ ފުރުޞަތު ނުދެއްވާ އެކަމަށް ހުރަސް އަޅުއްވާފައެވެ.

އޭގެ ދެ ދުވަސްފަހުން ރައީސް ޓްރަންޕަށް ކޯވިޑް-19 ޖެހުމާ ގުޅިގެން ބަހުޘް އިންތިޒާމްކުރާ ފަރާތުންވަނީ އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހަށް ތާވަލުކޮށްފައި އޮތް ބަހުޘްގެ ދެވަނަ ބުރު އިންޓަނެޓު މެދުވެރިކޮށް ބޭއްވުމަށް ނިންމާފައެވެ. ނަމަވެސް އެ ނިންމުމާއި ހިތްހަމަޖެހިވަޑައިނުގެން ރައީސް ޓްރަންޕުވަނީ ބަހުޘްގައި ބައިވެރިވެވަޑައި ނުގަތުމަށް ނިންމަވާފައެވެ.

ފޮކްސް ނިއުސަށް ދެއްވި ބަސްދީދަތުމެއްގައި ޓްރަންޕު ވިދާޅުވީ ކޮމްޕިއުޓަރެއްގެ ދޮށުގައި އިންނަވައިގެން ބަހުޘް ކުރައްވަން ބޭނުންވެވަޑައިނުގަންނަވާކަމަށާއި އެފަދަ ބަހުޘަކަށް އެމަނިކުފާނުގެ ވަގުތު ބޭކާރުކުރައްވަންވެސް ބޭނުންވެވަޑައިނުގަންނަވާކަމަށެވެ. އެފަދަ ބަހުޘެއް ކުރިއަށްދާ ވަގުތު ބަހުޘް އިންތިޒާމުކުރާ ފަރާތުން ބޭނުން ވަގުތަކު އެމަނިކުފާނުގެ މައިކު ކަނޑާލެވިދާނެކަމަށް ވިދާޅުވެ ޓްރަންޕުވަނީ ކަންބޮޑުވުން ފައުޅުކުރައްވާފައެވެ.

އިންތިޚާބުގެ ކުރިން ބާއްވާ އެންމެ ފަހު ބަހުޘް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22ވަނަ ދުވަހުގައެވެ. ބަހުޘާއި ބެހޭ ރިޔާސީ ކޮމިޝަނުން ބުނީ ޓެނެސީގެ ނޭޝްވިލްގައި ބާއްވާ ބަހުޘްގެ ކޮންމެ ބައެއް ފަށާއިރު ވާހަކަދެއްކުމަށް ކޮންމެ ބައިވެރިއަކަށްވެސް ދެ މިނެޓުގެ ފުރުޞަތެއް އަރުވާނެކަމަށެވެ. އެއް ބޭފުޅަކު ވާހަކަ ދައްކަވާ ވަގުތު އަނެއް ބޭފުޅާގެ މައިކުން ހުންނާނީ އަޑު ކަނޑާލައިފައެވެ. ދެ ބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައްދު ދިނުމަށް މައިކު ހުޅުވާލާނީ އޭގެ ފަހުންކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އަޑުކަނޑާލެވޭފަދަ ފިތެއް އެ ބަހުޘްގައި ބޭނުންކުރުމަށް އިންތިޒާމުކުރާ ފަރާތުން ނިންމާފައިވާ ނިންމުމަށް ޓްރަންޕުގެ ކެމްޕެއިނުންވަނީ ނުރުހުން ފައުޅުކޮށްފައެވެ. ނަމަވެސް އެ ބަހުޘްގައި ރައީސް ޓްރަންޕު ބައިވެރިވެވަޑައިގަންނަވާނެކަމަށް އެ ފަރާތުން ބުންޏެވެ. ރައީސް ޓްރަންޕުގެ ކެމްޕެއިނު މެނޭޖަރު ބިލް ސްޓީޕިއެންވަނީ ބަހުޘް ކޮމިޝަނަކީ ވަކި ކޮޅަކަށް ބުރަވެފައިވާ ކޮމިޝަނެއްކަމަށް ތުހުމަތުކުރައްވާފައެވެ. އިދިކޮޅު ކެންޑިޑޭޓަށް ފައިދާވާ ގޮތަށް ބަހުޘްގެ ޤަވާއިދުތަކަށް ފަހު ވަގުތުގައި ބަދަލުތަކެއް ގެނައި ނަމަވެސް ބަހުޘްގައި ޓްރަންޕު ބައިވެރިވެވަޑައިގަންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ކުރިން ބަހުޘްގެ ފަހު ބުރުގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވާ މަޢުޟޫތަކާއި މެދުވެސް ޓްރަންޕުގެ ކެންޕެއިނުންވަނީ ހިތްހަމަނުޖެހުން ފައުޅުކޮށްފައެވެ. އެ ފަރާތުން ބުނީ ބަހުޘް ބިނާކުރަންވާނީ ޤައުމުގެ ޚާރިޖީ ސިޔާސަތުތަކުގެ މައްޗަށްކަމަށެވެ. މައުޟޫ ކަނޑައެޅުމުގައިވެސް ބައިޑަނަށް ފައިދާވާގޮތަށް ކޮމިޝަނުން ޢަމަލުކޮށްފައިވާކަމުގެ ތުހުމަތު ޓްރަންޕުގެ ކެންޕެއިނުންވަނީ ކޮށްފައެވެ.