ޤައުމުތައް ގުޅިގެން ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއް ޤާއިމްކުރުމާއި ގުޅޭގޮތުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމެޓީގައި މަޝްވަރާކުރައްވައިފިއެވެ. 
އދ.ގެ ފަތުރުވެރިކަމާއި ގުޅޭ ޖަމްޢިއްޔާ ޔުނައިޑަޓް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން،  ޔޫއެންޑަބްލިިއުޓީއޯއިން އެކުލަވާލާފައިވާ ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމެޓީގެ 6 ވަނަ ބައްދަލުވުމުގައި ސައުދީ އަރަބިއްޔާ އަދި ގުރީސްފަދަ ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންވަނީ ބައިވެރިވެ ވާހަކަދައްކާފައެވެ. 
		
										
			އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވަނީ ފަތުުރުވެރިންނަށް ދަތުރުފަތުރުތައް ކުރުމުގައި ފަސޭހަ މާހައުލެއް ޤާއިމްކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތްތައް ރާވާ ހިންގުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. 
"ގްލޯބަލް ޓޫރިޒަމް ކުރައިސިސް ކޮމިޓީ" އަކީ ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވާނެ ކަންކަން ދިރާސާކޮށް، ޙައްލުތައް ހޯދުމަށް ގެނައުމަށްޓަކައި ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯ އިން އެކުލަވާލާފައިވާ ކޮމިޓީއެކެވެ.