ދުނިޔެ

14 އަހަރުގެ މިކުއްޖާ ކޯވިޑަށް ހޯދި ފަރުވާ ސައިންސްވެރިންގެ ސަމާލުކަމަށް


ކޯވިޑް-19އާ ދެކޮޅަށް ފަރުވާއެއް ހޯދުމަށް ދުނިޔޭގެ އެންމެ މޮޅު ސައިންސުވެރިންދަނީ އަވަދިނެތި މަސައްކަތްކުރަމުންނެވެ. ދުނިޔޭގައި ބަލިމަޑުކަމެއް ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ މި ޙާލަތުގައި އުމުރުން އެންމެ 14 އަހަރުގެ އަންހެން ކުއްޖެއް ކޯވިޑާއި ދެކޮޅަށް ދެވޭނެ ފަރުވާއެއް ހޯދުމަށް ކޮށްފައިވާ މަސައްކަތަށް ދުނިޔޭގެ ސަމާލުކަން މިވަނީ ލިބިފައެވެ.

'ތުރީއެމް ޔަންގ ސައިންޓިސްޓު ޗެލެންޖު' ކާމިޔާބުކޮށް 25،000 އެމެރިކާ ޑޮލަރު ކާމިޔާބުކޮށްފައިވަނީ އެމެރިކާގެ ޓެކްސަސްގެ ފިރިސްކޯއަށް ނިސްބަތްވާ އަނިކާ ޗެބްރޮލުއެވެ. އޭނާއަށް އެ އިނާމު ލިބުނީ ކޯވިޑް-19އަށް ފަރުވާ ދިނުމުގައި ކާމިޔާބުވުމުގެ ފުރުޞަތު އޮތް އުންމީދީ ފަރުވާއެއް ހޯދައިގެންނެވެ.

އަނިކާގެ އީޖާދުން 'އިން ސިލިކޯ މެތަޑޮލޮޖީ' ކިޔާ ނިޒާމެއް ބޭނުންކޮށް ކޯވިޑް-19 ޖައްސާ ސާސް-ކޮވް-2 ވައިރަހުގެ ޕްރޮޓީނާ ލެޑު މޮލެކިއުލެއް އެއްކުރެއެވެ. އަނިކާ ބުނީ ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި އޭނާގެ އީޖާދަށް މީޑިޔާގެ ފަރާތުން ބޮޑު ސަމާލުކަމެއް ލިބިފައިވާކަމަށެވެ. އޭގެ ސަބަބަކީ އޭނާގެ އީޖާދު ކޯވިޑް-19 ޖައްސާ ވައިރަހަށް ބިނާކޮށްފައި އޮތުންކަމަށާއި އޭނާގެ މަޝްރޫޢުގެ ސަބަބުން ބަލިމަޑުކަމަށް ނިމުމެއް އަތުވެދާނެކަމަށް ކުރެވޭ އުންމީދު ދައްކުވައިދޭކަމަށް އަނިކާ ބުންޏެވެ. އޭނާ ބުނީ އެހެން މީހުންނެކޭ އެއްގޮތަށް އޭނާވެސް ބޭނުންވަނީ ބަލިމަޑުކަމުގެ ކުރިން ދުނިޔެ އޮތް ޙާލަތަށް އަލުން ރުޖޫޢަވުމަށްކަމަށެވެ.

މިހާތަނަށް 40 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު އެ ބަލީގައި 1.1 މިލިއަނަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެމެރިކާގައި އެކަނި 219،000 މީހުންވަނީ މަރުވެފައެވެ.

އިންޑިޔާ-އެމެރިކާ ދަރިފަސްކޮޅަށް ނިސްބަތްވާ އަނިކާގެ ޕުރުޖެކްޓު ތައްޔާރުކޮށް ހުށަހަޅާފައިވަނީ ގުރޭޑު އަށެއްގައި ތަޢުލީމު ޙާޞިލް ކުރަމުންނެވެ. އެންމެ ފުރަތަމަ ޕުރޮޖެކްޓު ހަދަން ފެށީ ކޯވިޑް-19އަށް ފަރުވާއެއް ހޯދުމުގެ ވިސްނުމުގައެއް ނޫނެވެ. އޭނާ އެންމެ ފުރަތަމަ ވިސްނީ އިންފުލުއެންޒާ ޖައްސާ ވައިރަހުގެ ޕުރޮޓީނާއި ލެޑު މޮލެކިއުލްތައް އިން-ސިލިކޯ ނިޒާމު ބޭނުންކޮށްގެން އެއްކުރުމަށެވެ.

އޭނާގެ ޕުރޮޖެކްޓަށް އެކިކަހަލަ ބަލިމަޑުކަމާއި ވައިރަހާއި ބޭސް އުފެއްދުމާއި ގުޅޭ މަޢުލޫމާތު އެއްކޮށް ދިރާސާކުރަމުން ދަނިކޮށް އެފަދަ ޙާލަތަކާއި ކުރިމަތިލާންޖެހުމަކީ ހީވެސް ނުކުރާކަމެއްކަމަށް އޭނާ ބުންޏެވެ. ކޯވިޑް-19ގެ ނުރައްކާތެރިކަން ބޮޑުވުމުގެ ސަބަބުންނާއި އެ ބަލީގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި ދުނިޔެއަށް ކޮށްފައިވާ އަސަރު ފެނުމުން އޭނާގެ ޕުރޮޖެކްޓުގެ މިސްރާބު ކޯވިޑް-19އަށް ބަދަލުކުރަން ނިންމިކަމަށް އޭނާ ބުންޏެވެ.

އަނިކާ ބުނީ ކޯވިޑް-19އަށް ފަރުވާއެއް ހޯދުމަށް އެންމެ ބޮޑު ހިތްވަރަކަށްވީ 1918ވަނަ އަހަރުގެ ފުލޫ ބަލިމަޑުކަންކަމަށެވެ. އޭގެ ފަހުން ވެކްސިނާއި ބޭސް ލިބެންހުރި ޒަމާނެއްގައި އިންފުލުއެންޒާ ޖެހިގެން އެމެރިކާގައި ކޮންމެ އަހަރަކު އެތައް މީހުންނެއް މަރުވާކަން އެނގުމުންވެސް ފަރުވާއެއް ހޯދުމަށް ހިތްވަރު ލިބުނުކަމަށް އޭނާ ބުންޏެވެ.

'އަހަރެން މިކުރި މަސައްކަތަކީ ބަލިމަޑުގެ ބޮޑުކަމާއި އަޅައިބަލާއިރު ބައްޔާއި ދެކޮޅަށް ފަރުވާއެއް ހޯދުމުގައި ކުރާ މަސައްކަތަށް މާބޮޑު ކުރިއެރުންތަކެއް ގެނައި ކަމަކަށް ނުވެދާނެ ނަމަވެސް އެއީވެސް ސައިންސުވެރިން ކުރަމުންދާ މަސައްކަތަށް އިތުރުވާނެ އެއްޗެއް. އަހަރެންގެ މަސައްކަތުގެ ނަތީޖާ ފެންނާނީ ކުރިއަށް އޮތް ތަނުގައި ކަމާބެހޭ މާހިރުންގެ އެހީތެރިކަމާއެކު މި މޮލެކިއުލް ތަރައްޤީކޮށްގެން އަހަރެން ކުރާ މަސައްކަތަކުން "، އަނިކާ ބުންޏެވެ.

އޭނާގެ މަސައްކަތައް އެވޯޑެއް ލިބުމަކީ ބޮޑު ޝަރަފެއް ނަމަވެސް އަނިކާ ބުނީ އޭނާގެ މަސައްކަތް މިހާ ހިސާބުން ނިމުނީ ނޫންކަމަށާއި ގިނަ މަސައްކަތްތަކެއް އަދި ކުރަން އެބަހުރިކަމަށެވެ. އޭނާ ދެން ހާޞިލްކުރުމަށް ބޭނުންވާ އަމާޒަކީ ބަލީގައި މަރުވާ މީހުންގެ ޢަދަދު ދަށްކުރުމަށް މަސައްކަތްކުރަމުންދާ ސައިންސުވެރިންނާއި މާހިރުންނާ އެކުގައި މަސައްކަތްކަތްކޮށް ވައިރަހާ ދެކޮޅަށް ހަޤީޤީ ފަރުވާއެއް ހޯދުމަށް އޭނާގެ ދިރާސާ ބޭނުންކުރުންކަމަށް އޭނާ ބުންޏެވެ.